ދީބާޖާ އިންވެސްޓްމަންޓަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ.

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާއެކު 2010 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހެދި އެއްބަސްވުން 2013 ގައި ސަރުކާރުން ބާތިލްކުރި މައްސަލައިގައި ގެއްލުމުގެ ބަދަލަށް 348 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކުރިއެވެ. އެ ހުކުމް ހައި ކޯޓުން ބާތިލްކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުން 2019 ގައި ވަނީ ހައި ކޯޓުގެ ހުކުމް ބާތިލްކޮށް، ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓައިފައެވެ. ސިވިލް ކޯޓުގެ ހުކުމް އެގޮތަށް އައީ ދީބާޖާ އިން ގެއްލުމުގެ ބަދަލުގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ނަގައި ދިނުމަށް އެދިފައިވަނިކޮށެވެ.

ދީބާޖާއަށް ބޮޑު އަދަދެއް ބަދަލުގެ ގޮތުގައި ދޭން ހުކުމް ކުރުމާ ގުޅިގެން، މި ސަރުކާރުގައި ކޯޓުން ބޭރުގައި މައްސަލަތައް ހައްލު ކުރުމަށް ލަފާ ދިނުމަށް އުފައްދާފައި އޮންނަ ސެޓްލްމަންޓް ކޮމިޓީން ވަނީ ދީބާޖާއާ އެކު މަޝްވަރާކޮށް 174 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށް އެއްބަސްވެފައެވެ. މި ކޮމިޓީއަކީ ރައީސް އޮފީހުގައި އުފައްދާފައިވާ ކޮމިޓީއެކެވެ.

ސެޓަލްމަންޓް ކޮމިޓީ އިން އެ ގޮތަށް ލަފާ ދިނުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ލަފައާ އެ ގޮތަށް ދީބާޖާއަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުމަށް ނިންމެވިއެވެ. އެކަމަކު ފަހުން އެ ނިންމުން ބަދަލުކުރައްވައި އެ މައްސަލަ ރިވިއު ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން ބަންޑާރަ ނައިބަށް އެމަނިކުފާނު އެންގެވީ މިދިޔަ ޖެނުއަރީ މަހުގައެވެ.

ސުޕްރީމް ކޯޓުގެ އެ ނިންމުން ރިވިއު ކުރަން ދައުލަތުން ހުށަހެޅި މައްސަލައިގައި އެ ކޯޓުން މިއަދު ކުރި ހުކުމުގައިިވަނީ ދީބާޖާގެ މައްސަލައިގައި އެ ކޯޓުގެ ކުރީގެ ނިންމުން މުޅިން ވެސް ބިނާވެފައި އޮތީ މުއްދަތު ހަމަވި ފަހުން ހައި ކޯޓަށް މައްސަލަ ބަލައިގަތް ގަތުމުގެ ސައްހަކަމުގެ މައްޗަށް އެކަނި ކަމަށެވެ. ސުޕްރީމް ކޯޓުން ކުރިން މައްސަލަ ރަނގަޅަށް ނުބަލައި އިޖުރާއީ ކަމަކާ ހެދި ހައިކޯޓުގެ ހުކުމް ބާތިލުކޮށް، ބަދަލު ދޭން ހުކުމް ކުރި އިރު، އެކަން ކުރީ ހައިކޯޓުގެ ހުކުމް ބާތިލު ކުރި އެއްވެސް ސަބަބެއް ބުނުމެއް ނެތި ކަމަށް ހުކުމުގައި ފާހަގަކުރިއެވެ.

އެހެންވެ، މިއަދު ސުޕްރީމް ކޯޓުން ނިންމީ، އެ ކޯޓުން މީގެ ކުރިން ނިންމި ނިންމުން ބާތިލު ކުރަން ޖެހޭ ސަބަބުތައް އޮތް ކަމަށެވެ. ނަމަވެސް، ހައިކޯޓުގެ ހުކުމާ މެދު އެ މައްސަލައިގެ ތެރެއިން ގޮތެއް ކަނޑަނޭޅޭނެ ކަމަށްވާތީ މިއަދުން ފެށިގެން ބަންދު ދުވަސް ނުހިމަނައި 15 ދުވަހުގެ މުއްދަތެއް އިސްތިއުނާފް ކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ވެސް ހުކުމުގައިވެއެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވީ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝުޖޫންއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ދުންމާރި

  މި ސަރުކާރުން ހިލާކޮންމެ ހިލުންގަނޑެއް ވަރުކުރާނެ ތިޔަ ކޯޓުން އެއީ ވަރަށް ސާފުކަމެއް މި ސަރުކާރުން ސްޕްރީމް ކޯޓަށް މިއަހަރު ދިވެހިރާއްޖެއަށް ރަމަޟާންމަސްސް ނާންނާނެކަމަށް ކަނޑައަޅައިދިނުމަށް އެދުނަސް ތިޔަ ކޯޓުތަކުން އެކަންވެސް އެގޮތަށްކޮށްދޭނެ އެއީ ވަރަށް ސާފުކަމެއް ސަދޫމަށްވުރެ އިސްސާފު ވެރި މިޤައުމުގެ ކޯޓުތައް މިހާރު

 2. ޅޮލް

  ޢަލްހާންއަށް ވަރަށް އަސަރުކުރާނެ.

  • ޙިންނަވަރުސޮރު

   އަލްހާނަށް ލާރިކޮޅެއް ލިބޭނެތީ ބުއްޅަބޭ އަޑީގަހުރެގެން ކޭސް އަނބުރާލީ. އެމްޑީޕީ މީހުންނައް ނަޝީދު ނޭގޭނެ.