މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 95 މީހުން ކަމަށް އެޗްޕީއޭ އިން ވިދާޅުވެއްޖެއެވެ.

މިއަދު މާލެ އިން 59 މީހުން ކޮވިޑަށް ފައްސިވިއެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު ކޮވިޑަށް ފައްސިވީ 22 މީހުންނެވެ. އަދި ރިސޯޓްތަކުން އިތުރު 11 މީހަކު މިއަދު ފައްސިވެފައިވެއެވެ.

މިއަދަކީ އޭޕްރީލް މަހުގެ 11 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ އަދަދު ވެސް ފާއިތުވި ހަތަރު ދުވަހާއި ބަލާއިރު ގިނައެވެ. މިއަދު 3150 މީހަކު ވަނީ ކޮވިޑަށް ޓެސްޓް ކޮށްފައެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 101 މީހަކު މިއަދު ވަނީ ބަލިން ރަނގަޅުވެފައެވެ.

ރާއްޖޭގައި މިހާރު ކޮވިޑް ޖެހިފައި ތިބީ 2621 މީހުންނެވެ. ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފެށިފަހުން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު އަންނަނީ މަދުވަމުންނެވެ. މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަނީ 58 މީހުންނަށެވެ.

ކޮވިޑް ޖެހިގެން ރާއްޖެ އިން މިހާތަނަށް 67 މީހަކު ވަނީ ނިޔާވެފައެވެ. މިއަދަކީ މާލެ އިން ކޮވިޑް ފެނުނުތާ އެއްއަހަރު ފުރުނު ދުވަހެވެ.