ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރުމަށްފަހު ރިސޯޓް މުވައްޒަފުންނަށް ވެސް ކަރަންޓީނާއި ނުލާ ދެން ދަތުރު ކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ރިސޯޓު މުވައްޒަފުންނަށް ކަރަންޓީނު ނުވެ މީހުން ދިރިއުޅޭ ރަށްތަކަށް ދަތުރު ކުރެވޭނެ ގޮތަށް ހަދާފައިވަނީ ދެވަނަ ޑޯޒު ޖަހާތާ 14 ދުވަސް ފަހުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޓޫރިޒަމް މިނިސްޓްރީން އެކަން ހާމަކޮށްފައިވާއިރު، ރޭ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ރާއްޖޭގައި ކޮވިޑް-19 ފެތުރޭތީ އަޅާފައިވާ ރައްކާތެރިކަމުގެ ބައެއް ފިޔަވަޅުތަކަށް އޭޕްރިލް 20 ވަނަ ދުވަހުން ފެށިގެން ލުއިތައް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މިމަހުގެ 20 އިން ފެށިގެން ދީފައިވާ ލުއިތަކުގެ ތެރޭގައި، އާބާދީގައި 60 އިންސައްތަ މީހުން ކޮވިޑް-19 ގެ ވެކްސިން ޑޯޒްތައް ހަމަވެފައިވާނަމަ، އެ ރަށަކަށް ކަރަންޓީނުވުމަކާ ނުލައި ދަތުރު ކުރުމަށް ހުޅުވާލުމާއި، އާބާދީގެ 60 އިންސައްތަ މީހުންނަށް ކޮވިޑް-19 ގެ ވެކްސިން ޑޯޒްތައް ހަމަވެފައި ނުވާ ރަށްރަށަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ދެ ހަފްތާ ވެފައިވާ ފަރާތްތަކަށް ކަރަންޓީނާ ނުލައި ދަތުރުކުރުމަށް ހުޅުވައިލުން ހިމެނެއެވެ.

މީގެ އިތުރުން އެޗްޕީއޭއިން ވިދާޅުވީ، މި ލުއިތަކާއެކު ރަށެއްގައި ކޮވިޑް-19 ގެ ބަލި އުޅޭ ނިސްބަތް 5 އިންސައްތައަށްވުރެ މަތި ރަށަކުން އެނޫން ރަށަކަށް ދަތުރު ކުރާނަމަ ޕީ.ސީ.އާރު. ނައްސި ޓެސްޓާއެކު ދަތުރުކުރެވޭނެ ކަމަށެވެ.