ތ. ވޭމަންޑޫ ކޮވިޑް-19 އިހަލުން މިހާތަނަށް 53 މީހަކު ފައްސި (ޕޮޒިޓިވް) ވެފައިވާ ކަމަށް އެއަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.

އެ ހޮސްޕިޓަލުން ބުނީ، އިއްޔެ އާއި ހަމައަށް އެ އިހާއާއި ގުޅުން ހުރި 53 މީހަކު ފައްސިވެފައިވާ ކަމަށާއި އޭގެ ތެރެއިން 48 މީހަކު ވޭމަންޑޫއިން ފައްސިވެފައިވާ މީހުން ކަމަށެވެ.

ފައްސިވެފައިވާ ވޭދަނަތަކާއި ގުޅިގެން އިއްޔެގެ ނިޔަލަށް 338 މީހެއްގެ ސާމްޕަލް ނަގާފައިވާއިރު، 134 މީހަކު ނައްސިވެފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ. އަދި 155 ސާމްޕަލެއްގެ ނަތީޖާ އަދި ނުލިބޭ ކަމަށް ވެސް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ހޮސްޕިޓަލުން ބުނީ، މި ބައްޔަށް ފައްސިވެފައިވާ މީހުންގެ ތެރެއިން އެކަކަށް ފެސިލިޓީގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށެވެ.

ކޮވިޑްގެ ވޭދަނަތަކާއި ގުޅިގެން އެއަތޮޅުގެ ހަ ރަށެއް މިވަގުތު އޮތީ މޮނިޓަރިންގައި އޮތްއިރު ވޭމަންޑޫ ކްލަސްޓާއާ ގުޅުންހުރި މީހުން ގިނަ ރަށްތަކުގައި އެބަ ތިއްބެވެ. އަދި ވޭމަންޑޫގެ 104 ގެއެއް ވެސް މިވަގުތު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ވޭމަންޑޫން ފުރަތަމަ ވޭދަނައެއް ފެނިފައި ވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. އެ މީހާއަކީ އެރަށުން މާލެ ގެންދިޔަ ބަލި މީހެކެވެ. އެ މީހާ ފައްސިވެފައިވާކަން އެނގުނީ އައިޖީއެމްއެޗުން ކޮވިޑަށް ޓެސްޓު ކުރުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު