ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މަޖިލީހުގެ އިދާރާ އިން މިއަދު ހުޅުވާލައިފި އެވެ.

މަޖިލީހުގެ ވެބްސައިޓްގައި މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން، އަމީން އާންމު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.

އަމީން އާއްމުގެ މުސާރައިގެ ގޮތުގައި 35،000 ރުފިޔާ އަދި ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާއާއި ފޯން އެލަވަންސްގެ ގޮތުގައި 5000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ.

މިދިޔަ ފެބްރުއަރީ މަހު މަޖިލީހުގެ އަމީން އާންމުގެ މަގާމުގައި ހުންނެވި އަހުމަދު މުހައްމަދު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމު މިއަދާ ހަމައަށް ވެސް އޮތީ ހުސްކޮށެވެ. އެހެންވެ، އެ މަގާމުގެ މަސްއޫލިއްޔަތުތައް މިހާރު އަދާ ކުރައްވަނީ އަމީން އާންމުގެ ނައިބެވެ.

މި މަގާމުގެ ތައުލީމީ ޝަރުތަކީ ގާނޫނީ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކޮށްފައި ވުމާއި މަޖިލީހަށް ގާނޫނީ ލަފާ ދެވޭ ފެންވަރުގެ މީހަކަށް ވުމެވެ. މީގެ އިތުރުން އުމުރުން 25 އަހަރު ފުރިފައި ވުމަކީ ވެސް ޝަރުތެކެވެ.

އަމީން އާންމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިއިރު، ދާދިފަހުން މަޖިލީހުން ވަނީ އަމީން އާންމުގެ އެހީތެރިޔާގެ މަގާމަށާއި ހެޑް އޮފް އެޑްމިނިސްޓްރޭޝަންގެ މަގާމަށް ދެ ބޭފުޅަކު އައްޔަން ކުރައްވައިފަ އެވެ.

މިއަހަރުގެ ފުރަތަމަ ދައުރުގައި 13 ޖަލްސާ ބޭއްވިފައިވާއިރު ދައުރުގެ ބޭރުން ވަނީ 2 ޖަލްސާ ބާއްވާފައިވެއެވެ. އަދި ދައުރުގެ ތެރެއިން 11 ޖަލްސާ ވަނީ ބޭއްވިފައެވެ.

ކިޔުންތެރިންގެ ހިޔާލު