އެކެއް ފެބްރުއަރީގެ ހުކުމަށް ފަހު ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި، ކުއްލި ހާލަތުގެ ދަށުން ހައްޔަރު ކުރި ކުރީގެ ފުލުހުންގެ ތެރެއިން އަލީ ނަސީރު އަށް ވަކީލަކު އައްޔަން ކުރަން ފުރުސަތު ދީފިއެވެ.

އަލީ ނަސީރުގެ މައްޗަށް އުފުލާފައި ވަނީ ރަސްމީ ވާޖިބު އަދާ ކުރުމުގައި އެކަށީގެން ނުވާ އަމަލެއް ހިންގުން، ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތައް ގަސްދުގައި ހުރަސްއެޅުން، ގާނޫނު ހިންގުމަށް ހުރަސް އެޅުން، އަދި އާންމު މަސްލަހަތައް ގެއްލުން ހުރި ކަމެއް ކުރުން މި ދައުވާތަކެވެ. މި މައްސަލަތަކުގެ ފުރަތަމަ އިބްތިދާއީ އަޑުއެހުން މިއަދު 10:30 އަށް ތަވާލުކޮށްގެން ކްރިމިނަލް ކޯޓުގައި ވަނީ ބާއްވާފައެވެ. މިއަދުގެ އަޑުއެހުމުގައި އަލީ ނަސީރުގެ މައްޗަށް ކޮށްފައިވާ ހަތަރު ދައުވާ ދައުލަތުން ވަނީ އޭނާއަށް އިއްވާފައެވެ.

އޭނާގެ މައްޗަށް ރަސްމީ ވާޖިބު އަދާ ކުރުމުގައި އެކަށީގެން ނުވާ އަމަލެއް ހިންގުމުގެ ދައުވާ ކޮށްފައި ވަނީ ފުލުހެއްގެ ވަޒީފާގައި ހުރެ، ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ނެރުނު އަމުރަށް ފަހު މާލޭގެ ބޮޑުތަކުރުފާނު މަގުގައި ކުރި މުޒާހަރާއެއްގައި ބައިވެރިވެ، އެތަނުގައި ހުރި ބެރިކޭޑުތަކުގައި އަތް އަޅައި ކޮއްޕައި، ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އަޅައި، ފުލުހުންނާއި މެދު ހަޑި ހުތުރުބަހުން މުއާމަލާތުކޮށް، ފުލުހެއްގެ ގޮތުގައި ހުރެ ގާނޫނީ ގޮތުން ލިބިގެންވާ ބާރުގެ ބޭރުން އަމަލު ކުރުމުންނެވެ. ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތައް ގަސްދުގައި ހުރަސްއެޅު އެޅުމުގެ ދައުވާ ކޮށްފައި ވަނީ އެރޭ އޭނާ ފުލުހުންގެ ގާނޫނީ ވާޖިބު އަދާ ކުރުމަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައެވެ. އަދި ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ، އެރޭ އެނގި ހުރެ ގާނޫނު ހިންގުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ކޮށްފައިވާއިރު އާންމު މަސްލަހަތައް ގެއްލުން ހުރި ކަމެއް ކުރުމުގެ ދައުވާ ކޮށްފައި ވަނީ އާންމު ތަނެއްގައި ހުރެ އާންމުން ބިރުގަންނަ ފަދަ އަމަލެއް ކޮށްފައިވާ ކަމުގެ ތުހުމަތުގައެވެ.

މި ދައުވާތަކުގެ ތެރެއިން ރަސްމީ ވާޖިބު އަދާ ކުރުމުގައި އެކަށީގެން ނުވާ އަމަލެއް ހިންގުން ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތައް ގަސްދުގައި ހުރަސްއެޅުން އަދި ގާނޫނު ހިންގުމަށް ހުރަސް އެޅުން، މި ދައުވާތައް އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ ކޮންމެ ދައުވާއަކަށް ގިނަވެގެން ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. ނަމަވެސް ޝަރީއަތުގެ މަޖިލީުގައި ކުށަށް އިއުތިރާފުވެއްޖެ ނަމަ ގިނަވެގެން އަންނާނީ ތިން މަހާއި 18 ދުވަހުގެ ހުކުމެކެވެ. އާންމު މަސްލަހަތައް ގެއްލުން ހުރި ކަމެއް ކުރުމުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. ކުށަށް އިއުތިރާފުވެއްޖެ ނަމަ ކުރާނީ ގިނަ ވެގެން 27 ދުވަހުގެ ޖަލު ހުކުމެކެވެ.

މިއަދުގެ އަޑުއެހުމުގައި ނަސީރު ވަނީ އޭނާ މައްސަލަ ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލަކާއި އެއްކޮށް ކަމަށް ބުނެފައެވެ. އަދި އެކަމަށް 10 ދުވަހުގެ މުއްދަތަކަށް އޭނާ ވަނީ އެދިފައެވެ. ގާޒީ އެންގީ މި މަހުގެ 21 ވަނަ ދުވަހުގެ 14:00 ގެ ކުރިން ވަކީލަކު ހަމަޖެއްސުމަށް ފަހު ކޯޓަށް އެންގުމަށެވެ.

ނަސީރުއަށް ވަކީލަކު ހަމަޖެއްސުމަށް ފުރުސަތު ދީފައި ވާއިރު ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތު ކުރެވޭ ކުރީގެ އެހެން ދެ ފުލުހުން ކަމަށްވާ އަލީ ރިޝްވާން އާއި ހަސަން ނަސީރުގެ މައްސަލަ ފަށައި އެ ދެމީހުންނަށް ވެސް ވަނީ ވަކީލަކު އައްޔަން ކުރުމަށް ފުރުސަތު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު