ލ. އަތޮޅުގެ މާންދޫން އިއްޔެ ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 93 އަށް އަރައިފި އެވެ.

މިއާއެކު މިހާރު މި އިހަލުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 148 އަށް ވަނީ އަރާފައެވެ.

މީގެ ތެރެއިން 131 މީހަކު ފައްސިވެފައި ވަނީ މާންދޫންނެވެ. އަދި ފޮނަދޫން ދެ މީހަކު ފައްސިވެފައިވާއިރު، ގަމުން ފައްސިވެފައި ވަނީ 15 މީހުންނެވެ.

މާންދުއަކީ ހޮރައިޒަން ފިޝަރީޒް އިން މަސް ފެކްޓްރީއެއް ހިންގަމުން އަންނަ ރަށެކެވެ.

މާންދޫން ފެނުނު އިހަލާއެކު މިހާރު އެ ރަށާއި، އެރަށާއިގުޅިފައިވާ ފޮނަދޫ އަދި ގަމަށް އަރައި ފޭބުން ވަނީ މަނާކޮށްފައެވެ.

އެ ރަށްތަކުން ފެންނަމުންދާ ވޭދަނަތަކާއި ގުޅިގެން މިހާރު ވަނީ 794 ސުންކެއް ނަގާފައެވެ. އޭގެ ތެރެއިން 413 ސުންކެއްގެ ނަތީޖާ ވަނީ ލިބިފައެވެ. އަދި ޖުމްލަ 233 ސުންކެއް ވަނީ ނައްސިވެފައެވެ.

މާންދޫއަށް ބަލި ފެތުރެނު ގޮތް އަދި ހޯދިފައެއް ނުވެއެވެ.

އާބާދީ ބޮޑު ގަން ފޮނަދުއަށް އެރުން މަނާކޮށްފައި އޮތުމުން ގިނަ ރަށްތަކެއްގެ މީހުންނަށް ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. ނަމަވެސް ކޮންމެހެން ޑޮކްޓަރަށް ދެއްކުން ފަދަ ކަންކަމަށް ހާއްސަ ހުއްދައެއްގެ ދަށުން ގަން ރީޖަނަލް ހޮސްޕިޓަލަށް ދަތުރު ކުރެވޭނެ ކަމަށް ގަމު ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު