ރާއްޖެ އިން ކޮވިޑް-19 ޖެހިގެން އިތުރު މީހަކު މިއަދު ނިޔާވެއްޖެއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ކޮވިޑް ޖެހިގެން ނިޔާވެފައި ވަނީ އުމުރުން 85 އަހަރުގެ އަންހެނެކެވެ. އެމީހާ ނިޔާވެފައި ވަނީ ހާލު ސީރިއަސްވެގެން ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

މިއާ އެކު، ރާއްޖެ އިން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު 72 އަށް ވަނީ އަރައިފައެވެ.

މިއީ ރާއްޖެއިން މި މަސް ތެރޭގައި މަރުވި ފަސް ވަނަ މީހާ އެވެ.

ރާއްޖެއިން ކޮވިޑް ބަލީގައި މިއަދު އިތުރު މީހަކު ނިޔާވެފައިވާއިރު، އެ ބައްޔަށް ކޮންމެ ދުވަހަކުވެސް ރާއްޖެއިން ފައްސިވާ އަދަދުތައްވެސް ވަނީ ރެކޯޑް މިންވަރަކަށް މި ވަނީ އިތުުރު ވެފައެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޖެހިގެން 4000 އަށްވުރެ ގިނަ މީހުންނަށް ފަރުވާދެމުން އެބަ ދެއެވެ. އޭގެ ތެެރެއިން 119 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލް ތަކުގައެވެ.

ރާއްޖެއިން ކޮވިޑް ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 28،588 އަށް އަރާފައިވާއިރު، އޭގެ ތެރެއިން 24،499 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.