އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އިއުލާން ކުރެވޭ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ ބާރު ހެލްތު މިނިސްޓަރަށް އޮންނަ ގޮތަށް އަދި ބާރުތައް ރައީސުލްޖުމްހޫރިއްޔާއަށް ހަވާލު ނުކުރާ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުށަހެޅުއްވި އާންމު ސިއްހަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ދިރާސާކުރުމަށް ފަހު ހެލްތު މިނިސްޓަރަށް ލިބިފައިވާ އެ ބާރާއި ޒިންމާތައް ރައީސުލްޖުމްހޫރިއްޔާއަށް ހަވާލުކުރާ ގޮތަށް ވަނީ ބަދަލުކޮށްފައެވެ.

އެހެން ނަމަވެސް މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާޙިދު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް އެ ބާރު ނުދެވޭ ގޮތަށް ކޮމިޓީ ރިޕޯޓަށް އިސްލާހެއް ހުށަހަޅުއްވައިފައެވެ. އަދި ރައްޔިތުންގެ މަޖިލީހަށް އެ ގަރާރުގެ ރުހުން ހޯދަން ނުފޮނުވަން ވެސް ހުށަހެޅުއްވިއެވެ. އެ އިސްލާހުތަކަށް ތާއީދު ކުރެއްވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްއެވެ.

އެ އިސްލާހު ފާސްކުރީ 37 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް 31 މެންބަރުން ވޯޓް ދެއްވިއެވެ. ވަކި ގޮތަކަށް ވޯޓް ނުދެއްވާ ދެ މެންބަރަކު ތިއްބެވިއެވެ.

މެންބަރު ޝާހިދު މި ގޮތަށް ހުށަހެޅުއްވުމުން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އެ ކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފައެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުންނެވެ. އަދި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްއަށް ތާއީދު ކުރައްވާ މެންބަރުންގެ ތެރެއިން މަދު މެންބަރަކު ވެސް ވަނީ ކުރިން ޤާނޫނު އޮތް ގޮތަށް ބާއްވަން ތާއީދު ކުރައްވައި ވާހަކަ ދައްކަވައިފައެވެ.

މި ގޮތަށް ހުށަހެޅުއްވުމުން ބިލުގައި ހިމެނޭ ކަންކަމުގެ ތެރެއިން ފާސްވެފައި ވަނީ ހަމައެކަނި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ރައްޔިތުންގެ މަޖިލިސް ހިނގަން ޖެހޭ ގޮތް ބަޔާން ކުރާ މާއްދާތަކެވެ.

ސިއްހީ ކުއްލި ހާލަތު އިއުލާން ކުރުމަށްފަހު، އެ ކަމާ ގުޅިގެން ކޮންމެ މަހަކު ހިނގަމުންދާނެ ހަރަދުތައް ޖެހިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު ފޮނުވަން ޖެހޭނެ ކަމަށް ބިލުގައިވެއެވެ. އެ ހަރަދުގެ ތަފުސީލު ފޮނުވާއިރު އަންނަ މަހުގެ ހަރަދުގެ އަންދާޒާ ވެސް ފޮނުވަން ޖެހެއެވެ.

ސިއްހީ ކުއްލި ހާލަތުގައި މަޖިލީހުގެ ޖަލްސާތައް ބޭއްވޭނެ ގޮތްތައް ވެސް ބިލުގައި ބަޔާން ކުރެއެވެ. ވެބް ކޮންފެރެންސް މެދުވެރިކޮށް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވޭނެ ކަމަށާއި އާންމު ތަޅުމަށް މެންބަރުން އެއްވެ ޖަލްސާ ކުރާ ގޮތަށް ވެސް ޖަލްސާތައް ބޭއްވޭނެ ކަމަށް ބިލުގައިވެއެވެ.

އެ ގޮތުން މަޖިލީހުގެ ތަޅުމުގައި ޖަލްސާ ބާއްވާނަމަ، މަޖިލީހުގެ މެންބަރުންނާއި މަޖިލީހުގެ ހުރިހާ މުވައްޒަފުންގެ ސިއްހީ ރައްކާތެރިކަން މަޖިލީހުގެ ރައީސް ކަށަވަރު ކުރަން ޖެހޭނެ ކަމަށް ބިލުގައިވެއެވެ. އަދި ސިއްހީ ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން މަޖިލީހުގެ ރައީސަށް އަންގަން ޖެހެއެވެ.

ސިއްހީ ކުއްލި ހާލަތުގައި ވެސް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ޓަކައި މަޖިލީހުގެ މެންބަރުންނަށާއި މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް ދައުލަތުގެ ކަމާ ބެހޭ ހުރިހާ އިދާރާއެއްގެ އެއްބާރުލުން ދޭން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

ސިއްހީ ކުއްލި ހާލަތުގައި މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދާނެ ބާބެއް ވެސް ބިލުގައި ހިމަނާފައިވާއިރު، މަޖިލީހުގެ ތަޅުމަށް އެއްވެސް ޖަލްސާ ބޭއްވުމާ ގުޅޭ ގޮތުން އާންމުންގެ ކަންބޮޑުވުން ބޮޑުވެގެން ދިޔަ އެވެ. އަދި އެ ކަން ކުރުމަށް ޓަކައި އެޗްޕީއޭގެ ހުއްދަ ނަގަން ޖެހޭނެ ކަމަށް ބުނެ ގާނޫނީ ސުވާލުތަަކެއް ވެސް އުފެދިގެން ދިޔައެވެ.

ފަހުން އެޗްޕީއޭގެ ހުއްދައާއި އަޅަން ޖެހޭ ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ އިރުޝާދުތަކާ އެކު މަޖިލީހުގެ ޖަލްސާތައް ބާއްވަން ފެށި އެވެ. ތަޅުމުގައި މެންބަރުން ތިއްބަވަނީ ގައިދުރުވުމުގެ ހަމަތަކާއެކު މާސްކް އަޅުއްވައިގެނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ކޮރަލް

  އަލުން ވޯތް ލަނި ކޮށް ތިޔަ ބަދަލު ކޮށްދެވިދާނެ އެވެ. ކެރަފާ އަށް އިތު ބާރެއް ނެތެވެ.

 2. ޙިޔާލު

  ޢަހަރެން އެމް.ޑީީޕީީ.
  ތިކަން ހަމަ އެންމެ ރަނގަޅަށް ތިކުރީ. ސިއްޙީ މީހުން ނަށް އިނގޭނީީ ތިކަން އެންމެ ރަނގަޅަށް.

  3
  2
 3. ލލ

  މިއަދު މިފެންނަނީ ހުރިހާ ބާރެއްވެސް ވަކި ގެޔަކަށް ޖަމާކުރަމުން ގެންދާތަން !

 4. ޑގގ

  މިނިސްޓަރަށް ދިނުމަކީ ބަރުލަމާނީ ސިފައެއް. ރޮޒޭމެން ތިޔާ ހެދީ ކިހިނެއް؟

  3
  2
 5. Anonymous

  ތިކަން ކުރަންޖެހޭނީ އެމެރިކާގައިއޮންނަގޮތަށް

 6. ޙހހހ

  ދެންހަމަ ބޭކާރު ޤަރާރުތައް ހަދާގެން " ކާގެންނޭ ފުރަަނީ ނުކާ ނުފުރާނަމޭ ކިޔާ " ކޮންވަގުތެއް ނަގާލާކަށް

  10