މާންދޫ އިހާއާއި ގުޅުންހުރި އިތުރު 26 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ އަލީ ނަޝީދު "ވަގުތު" ވިދާޅުވީ، މިއަދު އިތުރު 26 މީހަކު ފައްސިވެފައިވާ ކަމަށާއި އެ އެންމެންނަކީ ވެސް މާންދޫ އިން ފައްސިވެފައިވާ މީހުން ކަމަށެވެ.

މާންދޫއިން އިތުރު 26 މީހަކު މިބައްޔަށް ފައްސިވެފައިވާއިރު، ނަގާފައިވާ ބައެއް ސުންކުތަކުގެ ތެރެއިން 19 ސުންކެއް ވަނީ ނައްސިވެފައެވެ.

މިއާއެކު އެ އިހަލުން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 244 އަށް އަރާފައެވެ. އޭގެ ތެރެއިން 223 މީހަކީ މާންދޫއިން ފައްސިވެފައިވާ މީހުންނެވެ. ބާކީ 21 މީހުންގެ ތެރެއިން 16 މީހަކީ ގަމުން ފައްސިވެފައިވާ މީހެކެވެ. އަދި ފޮނަދޫއިން 3 މީހުން ފައްސިވެފައިވާއިރު، ދަނބިދޫއިން 2 މީހަކު ވަނީ ފައްސިވެފައެވެ.

މާންދޫ އިހަލާއި ގުޅިގެން ގަމުން 130 އަށްވުރެ ގިނަ ގެއެއް ވަނީ މޮނިޓަރިންގެ ހާލަތައް ގެނެސްފައެވެ. އަދި ގަމުގެ ކެފޭތަކާއި ރެސްޓޯރެންޓްތަކުންގެ ހިދުމަތް ވެސް މިހާރު ވަނީ ހުއްޓުވާފައެވެ.

ފަހަކަށް އައިސް އަތޮޅު ތެރޭގައި ބަލީގެ ވޭދަނަތައް އިތުރުވަމުން އަންނަ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ހާމަ ކޮށްފައެވެ. އެގޮތުން ކޮންމެ ދުވަހަކު ގޮތަކަށް އަތޮޅު ތެރެއިން 100 އަށްވުރެ ގިނަ މީހުން ފައްސިވާ ކަމަށް ވަނީ ރިކޯޑް ކުރެވިފައެވެ.