އައްޑޫ ސިޓީ، ހިތަދޫ ފްލޫ ކްލިނިކަށް ދައްކައިގެން ކޮވިޑް-19 އަށް ފައްސިވީ ފޭދޫ މީހެއް ކަން "ވަގުތަށް" އެނގިއްޖެއެވެ.

އެނގިފައިވާ ގޮތުގައި އެމީހާއަކީ ފޭދޫ ފިރިހެނެކެވެ. އެ ދިވެހި މީހާ އާ ގިނަ ބަޔަކު ގާތުން އެއްތާންވެފައިވާ ކަމަށްވެއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ އޮފިޝަލަކު ވިދާޅުވީ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ފައްސިވެފައިވާތީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އޭއައިއެޗްގައި ހިންގަމުން އަންނަ ފްލޫ ކުްލިނިކު އަނެއްކާވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބަދަލު ކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

އައްޑޫގައި ދާދި ފަހުން ކަރަންޓީނާ ހިލާފުވި މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެނގިފައިވާ ގޮތުގައި ކޮވިޑަށް ފައްސިވެފައި ވަނީ މާލެ އިން މުބާރާތެއްގައި ބައިވެރިވާން އައްޑުއަށް ދިޔަ މީހެކެވެ. އެމީހާ ވަނީ ކޮވިޑް ޓެސްޓްގެ ނަތީޖާ ލިބުމުގެ ކުރިން ޕްރެކްޓިސްތަކުގައި ވެސް ބައިވެރިވެފައެވެ. އެމީހާ ހުރީ ހިތަދޫގައި ކަމަށް މައުލޫމާތު ލިބެއެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މިހާރު ވަނީ 30،000 އާ ގާތްކޮށްފައެވެ. މި ބަލީގައި 73 މީހުން ވަނީ ނިޔާވެފައެވެ.