ހއ. ދިއްދޫ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަަށް ފައްސިވެއްޖެއެވެ.

"ވަގުތު" އަށް އެގިފައިވާ ގޮތުގައި އެރަށުން ފައްސިވެފައިވަނީ ބަލީގެ އަލާމާތްތަކެއް ހުރެގެން ރޭގެ ވަގުތެއްގައި ޑޮކްޓަރަށް ދެއްކި މީހެކެވެ. އޭނާގެ ނަތީޖާ ލިބިފައިވަނީ މިއަދު ހަވީރުއެވެ.

ފްލޫ ކްލިނިކަށް ދެއްކި ފަހުން އޭނާ ހުރީ ކަރަންޓީނު ކޮށްފައެވެ.

އެނގިފައިވާ ގޮތުގައި ފައްސިވެފައިވާ މީހާ އަކީ ގިނަ މީހުންނާއި ބައްދަލުވާ ތަނެއްގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ.

މި ވޭދަނައާއި ގުޅިގެން އެރަށަށް އަރާ ފޭބުން އަދި މަނާ ކޮށްފައެއް ނުވެއެވެ.

ފަހަކަށް އައިސް އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައި އަންނަނީ ކޮވިޑް ފެތުރެމުންނެވެ. ބައެއް ރަށްތަކުގައި ކޮވިޑް ފެތުރިފައި ވަނީ ކަރަންޓީންގައި ތިބި މީހުން ކަރަންޓީންގެ އުސޫލާއި ހިލާފު ވުމުންނެވެ.

އަތޮޅުތެރެއިން ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވަމުން ދިޔަ ނަމަވެސް އަދިވެސް ގިނަ އަތޮޅުތަކުގައި ކޮވިޑަށް ޓެސްޓް ކުރެވޭނެ ވަސީލަތްތަކެއް ނެތެވެ. އެހެންކަމުން ގިނަ ރަށްތަކުން ކޮވިޑަށް ޓެސްޓް ކުރަން ސުންކުތައް އަދިވެސް ފޮނުވަނީ މާލެ އަށެވެ.

ރާއްޖޭގެ ކޮވިޑް-19 ހާލަތު ދުވަހުން ދުވަހަށް އަންނަނީ ގޯސްވަމުންނެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު 465 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެއިން ފައްސިވި 193 މީހަކާއި އަތޮޅު ތެރެއިން ފައްސިވެފައިވާ 242 މީހެކެވެ. އެއާއި އެކީ ރާއްޖެއިން މި ބައްޔަށް ފައްސިވި މީހުންގެ އަދަދު ވަނީ 29،835 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު