ބ. އަތޮޅު އޭދަފުށިން އިތުރު ހަތް މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އޭދަފުށިން މިއަދު ފައްސިވި ހަތް މީހުންނާއެކު މިހާރު އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 146 އަށް އަރާފައެވެ.

އޭދަފުށިން ފުރަތަމަ ދެމީހަކު ކޮވިޑަށް ފައްސިވީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. އޭގެ ފަހުން އެމީހުންނާއި ބައްދަލުވެފައިވާ ބައެއް މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަދި އެރަށުން ވަކި ތަރުތީބެއް ނެތި ނެގި ގިނަ ސުންކުތަކެއްވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ.

އަަދި މި ވޭދަނަތަކާއި ގުޅިގެން އެރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.

އޭދަފުށި ހިމެނޭހެން މިއަދު ރާއްޖޭގެ އެކި ރަށްރަށުން ޖުމްލަ 402 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.

މާލެ އިން މިއަދު 174 މީހުން ކޮވިޑަށް ފައްސިވިއެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 179 މީހުން އަދި ރިސޯޓްތަކުން މިއަދު ހަ މީހުން ފައްސިވެފައި ވެއެވެ. އަދި ސިނާއީ މަސައްކަތް ކުރާ ރަށްތަކުން 43 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މިހާރު ރާއްޖޭގައި ކޮވިިޑް ޖެހިގެން ފަރުވާދެމުން ދަނީ 5،221 މީހަކަށެވެ.

ކިޔުންތެރިންގެ ހިޔާލު