ލ. މާންދޫ އިހަލުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 259 އަށް އަރައިފިއެވެ.

މި އިހަލުން މުޅިން އަލަށް 8 މީހަކު ފައްސިވެ، ޖުމްލަ ފައްސީގެ އަދަދު ވަނީ 259 އަށް އިތުރުވެފައެވެ. އަދި މިހައިތަނަށް ނަގާފައިވާ ސުންކުތަކުގެ ތެރެއިން 234 ސުންކުގެ ނަތީޖާ އަދި ނުލިބެއެވެ.

މި އިހަލުން މީހުން ފައްސިވެފައި ވަނީ މާންދޫގެ އިތުރުން ގަން، ފޮނަދޫ، ދަނބިދޫ، އިސްދޫ އަދި މާބައިދޫ އިންނެވެ.

މާންދޫ ފިޔަވައި ދެން އެންމެ ގިނަ މީހުން ފައްސިވެފައި ވަނީ ގަމުންނެވެ. ނަމަވެސް މިއިހަލުން ފައްސިވާ މީހުންގެ މައުލޫމާތު ގަން ރީޖަނަލް ހޮސްޕިޓަލުން އާއްމު ކުރާއިރު ފައްސިވާ މީހުންގެ އަދަދު ވަކިވަކިން ހާމައެއް ނުކުރެއެވެ. މާންދޫ އިހަލުގައި ނުހިމެނޭ ބައެއް މީހުން ވެސް ގަމުން ފައްސިވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އެމައުލޫމާތު ވެސް ގަން ރީޖަނަލް ހޮސްޕިޓަލުންނާއި ގަމު ކައުންސިލުން ހާމައެއް ނުކުރެއެވެ.

މާންދޫ ކޮވިޑް ފެނުމާއި ގުޅިގެން ގަމާއި ފޮނަދުއަށް އަރައި ފޭބުން މަނާކޮށް ގަމުގައި ވަނީ އިތުރު ބައެއް ފިޔަވަޅުތައް ވެސް އަޅާފައެވެ.