ކޮވިޑް-19 ޖެހިގެން ރާއްޖެ އިން 24 ގަޑިއިރުގެ ތެރޭގައި ހަވަނަ މީހަކު ނިޔާވެއްޖެއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ކޮވިޑް ޖެހިގެން ނިޔާވެފައި ވަނީ ހާލު ސީރިއަސް ވެގެން އައިޖީއެމްއެޗަށް ގެންދިޔަ އަންހެނެކެވެ. އޭނާ ނިޔާވި ފަހުން ކުރި ޓެސްޓްތަކުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން އައި އުމުރުން 77 އަހަރުގެ އަންހެނަކު ރޭ ނިޔާވިއިރު، ނައިފަރު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ މީހަކު މިއަދު މެންދުރު ވަނީ ނިޔާވެފައެވެ. މިއަދުގެ ތިން ވަނަ އަށް ނިޔާވީ ރަސްދޫގައި ހުރި ފަތުރުވެރިއެކެވެ. ހަތަރު ވަނަ އަށް ނިޔާވީ ހުޅުމާލޭ ފެސިލިީގައި ފަރުވާ ދެމުން ދިޔަ 88 އަހަރުގެ ފިރިހެނެކެވެ. ފަސްވަނަ އަށް ނިޔާވީ ނައިފަރު ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދިޔަ 97 އަހަރުގެ އަންހެނެކެވެ.

މިއަދު ކޮވިޑް-19 އަށް ނިޔާވި މީހުންގެ މައުލޫމާތު އެޗްޕީއޭ އިން އަދި ހާމައެއް ނުކުރެއެވެ. މިއަދު ނިޔާވި މީހުންގެ މައުލޫމާތު އެޗްޕީއޭ އިން ހާމަނުކުރާ ސަބަބެއް އަދި ސާފެއް ނުވެއެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. ކޮވިޑް ކޮންޓްރޯލް ކުރުމަށް ރޭގަނޑު 21:00 އިން ފެށިގެން ފަތިހު 04:00 އާއި ހަމައަށް މާލޭގައި މިހާރު ވަނީ ކާފިއު އިއުލާން ކޮށްފައެވެ. އަދި އިތުރު ފަސް ރަށެއްގައި ވެސް މިހާރު ވަނީ ކާފިއު އިއުލާން ކޮށްފައެވެ.

މިހާރު ރާއްޖޭގައި 7607 ކޮވިޑް ބަލި މީހުން އެބަތިއްބެވެ. އޭގެތެރެއިން 203 މީހުންނަށް މިހާރު އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު