ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދިން ނިރުބަވެރި ހަމަލާ ޗައިނާ އިން ކުށްވެރިކޮށްފިއެވެ.
ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ކުރި ޓުވީޓެއްގައި ވަނީ ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. އަދި ނަޝީދަށާއި މި ހަމަލާގައި ޒަހަމްވި އެންމެންނަށް އަވަސް ޝިފާއަކަށް ޗައިނާ އިން ވަނީ އެދިފައެވެ.
ނަޝީދަށް ހަމަލާދީފައި ވަނީ، މަޖީދީ މަގާއި ނީލޯފަރު ހިނގުން ގުޅޭ ކަންމަތީގައި ރޭ 20:30 ހާއިރެވެ. އެ ހަމަލާ ދީފައި ވަނީ ނަޝީދު ކެނެރީގެ އިން ނުކުންނަވައި، ހިންގަވާފައި ކާރަށް އަރައި ވަޑައިގަންނަވަނިކޮށެވެ. މި ހަމަލާގައި ނަޝީދާ އެކު، ތިއްބެވި ތިން ހަށިފާރިވެރިންނަށާއި ބައެއް އާންމުންނަށް ވެސް އަނިޔާވިއެވެ. އެކަމަކު، މިހާރު އޭގެ ތެރެއިން ބައެއް މީހުން ވަނީ ދޫކޮށްލައިފައެވެ.
ނިރުބަވެރި ހަމަލައާ ގުޅިގެން ނަޝީދަށް މިވަގުތު ފަރުވާދެމުން ގެންދަނީ އޭޑީކޭ ހޮސްޕިޓަލްގައެވެ.
އެނގިފައިވާ ގޮތުގައި މި ނިރުބަވެރި ހަމަލާގައި ނަޝީދުގެ ބޭރު ފުށުން ވަރަށް ގިނަ ޒަހަމްތައް ފެންނަން ހުއްޓެވެ. އެގޮތުން އެމަނިކުފާނުގެ އިސްތަށިފުޅާއި ހަށިކޮޅުގައި ވެސް ޒަހަމްތައް ހުއްޓެވެ. ބައެއް ޒަހަމްތައް ފަހައި، އަނެއް ބައި ޒަހަމްތަކުގައި ވަނީ ބޭސް އަޅައިފައެވެ.
ޒަހަމްތައް ގިނަކަމުން ފަރުވާ ދެނީ ހޭނައްތައިގެން ކަން އެނގިފައިވާ އިރު، މިހާތަނަށް ތިން އޮޕަރޭޝަނެއްކޮށްފައިވާ ކަމަށްވެއެވެ.
އޭޑީކޭ އިން ވިދާޅުވީ ގިނަ ޒަހަމްތަކަކާ އެކު ނަޝީދު ހޮސްޕިޓަލަށް ގެނައުމާ ގުޅިގެން އެމަނިކުފާނަށް ފަރުވާދެމުން ގެންދާ ކަމަށާއި ނަޝީދުގެ ހާލަތު ސްޓޭބަލް ކަމަށެވެ. އަދި މިކަމާ ބެހޭ ގޮތުން ފަހުން ތަފްސީލް ދޭނެ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ވިދާޅުވިއެވެ.
ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ވަރަށް ގިނަ ފަރާތްތަކުން ވަނީ ކުށްވެރިކޮށްފައެވެ.
އިންޑިއާއިން އެހާ އަވަހަށް ތެޅިގަތް ގޮތުންވެސް އިނގިއްޖެ އިންޑިއާ އިންޓެލިޖެންސް އެޖެންސީގެ ކަމެއްކަން!!