މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 766 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މިއީ ރާއްޖެއިން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހެއެވެ.

ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދުތައް 700 އިން މަތީގައި ހުންނަތާ މިއަދު މިއީ ތިން ވަަނަ ދުވަހު އެވެ. މިއަދު 766 މީހަކު ކޮވިޑަށް ފައްސިވެފައި ވަނީ އެންމެ 3153 މީހެއްގެ ސުންކު ނަގައިގެންނެވެ.

މިއަދު ރާއްޖެއިން ފައްސިވި މީހުންގެ ތެރެއިން 571 މީހަކު ފައްސިވެފައި ވަނީ މާލެ ސަރަހައްދުންނެވެ. އަދި އަތޮޅު ތެރެއިން 171 މީހަކު ފައްސިވެފައިވާއިރު، ރިސޯޓްތަކުން 23 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ. އަދި ސިނާއީ މަސައްކަތް ކުރާ ރަށްތަކުން އެކަކު ކޮވިޑަށް ވަނީ ފައްސިވެފައެވެ.

ރާއްޖޭގައި ކޮވިޑަށް ފައްްސިވާ އަދަދުތައް ނުރައްކާ މިންވަރަކަށް އިތުރުވާން ފަށާފައިވާއިރު، މިހާރު ފަރުވާދެމުންދާ މީހުންގެ އަދަދުތައް ވަނީ 8261 އަށް އަރާފައެވެ. އަދި ރާއްޖޭގައި މިހާރު ކޮވިޑްގައި ނިޔާވާ މީހުންގެ އަދަދުތައްވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ފާއިތުވި 48 ގަޑިއިރު ތެރޭގައި ރާއްޖޭގައި އަށް މީހަކު ވަނީ ކޮވިޑް ބަލީގައި ނިޔާވެފައެވެ. އޭގެ ތެރޭގައި ދެ ބިދޭސީން ހިމެނެއެވެ.

މިހާރު ރާއްޖޭގައި ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަަދަދު ވަނީ 34134 އަށް އަރާފައެވެ. އަދި އެ ބަލިން ރަނގަޅުވި މީހުންގެ އަދަދުތައް 25782 އަށް ވަނީ އަރާފައެެވެ.

ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދުތައް ވަނީ 82 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަމްބެހަނު

    މާލޭގައި އެންމެ ގިނައިން ކޮވިޑު ބަލި ފެތުރި، ކޮންޓެކްޓްވާ ތަންތަނަކީ އޮފީސްތައްކަން އެޗް.ޕީ.އޭއަށް އެނގޭނެ. އެޗް.ޕީ.އޭގެ ނޯޓިސް އޮތްގޮތުން "ޒަރޫރީ ބޭނުމޭ" ކިޔާފައި ބަހަނާ ދައްކައިގެން މުވައްޒަފުން އޮފީހަށް އަންނަން އޮފީސްތަކުގެ ވެރިންނަށް މަޖުބޫރު ކުރެވޭ. މިކަން އެންމެ ބޮޑަށް ހިނގަނީ ކޯޓުތަކުގައި. އަހަރެން މަސައްކަތްކުރާ ކޯޓުން އަންގާފައި އެބައޮތް ބަރާބަރަށް ވަޒީފާއަށް ނިކުންނަން. އިސްވެރިޔެއް ކައިރީ މި ޝަކުވާ ކުރީމާ ބުނީ ގޭގައި ހުރެގެން ފޮޓޯކޮޕީ ނެގޭނެހޭ އެހެން ވީމާ އަންނާށޭ. މިއީ ކިހާ ދެރަކަމެއް. ގޭގައި ހައި ރިސްކު މީހުން އެބަތިބި. މިނުރައްކާތެރި ބިރުވެރި ހާލަތަށް ރިޢާޔަތްކޮށް ކޯޓުތަކުގެ މުވައްޒަފުން ވަޒީފާއަށް ނުނެރެން ނުއަންގާ ހިނދަކު ކަންތައް ކުރާނީ މިހެން. ހެޔޮނުވާނެ އެޗް.ޕީ.އޭ އިންނާއި ރައީސް އޮފީހުން މިކަމަށް ހައްލެއް ގެނެސް އަހަރެމެންނަށް ރައްކާތެރިކަމެއް ދީބަލަ. ހެވޭ މުސާރަ ނުނަގާ ގޮތަށް ވިޔަސް. ހެޔޮނުވާނެ!! ކޮންމެ ދުވަހަކު ރެކޯޑެއް މި މުގުރަނީ