މާލެ އިން މިއަދު ކޮވިޑް-19 އަށް ކުރި ޓެސްޓްތަކުގެ އަދަދާއި މާލެ އިން ފައްސިވި މީހުންގެ އަދަދަށް ބަލާއިރު މާލެ އިން ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %17.3 މީހުން ކޮވިޑަށް ފައްސިވެފައިވާ ކަމަށް ދައްކައިފިއެވެ.

އާއްމު ގޮތެއްގައި މާލެ އިން ކޮވިޑަށް ޓެސްޓް ކުރާ އަދަދާއި އެހެން ރަށްތަކުން ކޮވިޑަށް ޓެސްޓް ކުރާ އަދަދު އެޗްއީއޯސީ އިން އިއުލާނެއް ނުކުރެއެވެ. ނަމަވެސް މިރޭ ވަނީ އެކި ސަރަހައްދުތަކުން ކޮވިޑަށް ޓެސްޓް ކުރި އަދަދުތައް ވަކިވަކިން އިއުލާން ކޮށްފައެވެ.

އެޗްއީއޯސީ އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑަށް ޓެސްޓް ކުރި 4014 މީހުންގެ ތެރެއިން 1177 މީހުންގެ ސުންކު ނަގާފައި ވަނީ މާލެ އިން ކަމަށެވެ. އޭގެތެރެއިން 439 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ރަށްތަކުން 1161 މީހުން ކޮވިޑަށް މިއަދު ޓެސްޓް ކުރިއިރު އޭގެތެރެއިން 141 މީީހަކު ވަނީ ފައްސިވެފައެވެ. އެއީ ޓެސްޓް ކުރި މީހުންގެ %12.14 މީހުންނެވެ. 1706 މީހުން މިއަދު ރިސޯޓްތަކުން ޓެސްޓް ކުރިއިރު އޭގެތެރެއިން ފައްސިވީ ނުވަ މީހުންނެވެ. އެއީ ޓެސްޓް މީހުންގެ %0.53 މީހުންނެވެ.

މިއަދު ކޮވިޑަށް ޓެސްޓް ކުރި ޖުމްލަ މީހުންގެ އަދަދަށް ބަލާއިރު ފައްސިވެފައި ވަނީ %14.60 މީހުންނެވެ. އެއީ 590 މީހުންނެވެ. ކޮވިޑް ޓެސްޓް ކުރި ނިސްބަތައް ބަލާއިރު މިއަދަކީ ފާއިތުވި ހަތަރު ދުވަސް ތެރޭގައި ނިސްބަތުން އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ. ނަމަވެސް މިއަދު ރިސޯޓްތަކުން ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ޓެސްޓް ކޮށްފައި ވުމުން މިއަދު ފައްސިވި އިންސައްތަ ދަށްވި ނަމަވެސް އެއީ ހާލަތު ރަނގަޅު ވަމުން އަންނަ ކަމުގެ ނިޝާނެއް ކަމަކަށް ނުބެލެވެއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރަން މިހާރު މާލެ އާއި ބައެއް ރަށްތަކުގައި ވަނީ އިތުރު ފިޔަވަޅުތައް އަޅާފައެވެ. ނަމަވެސް މިފިޔަވަޅުތަކުގެ އަސަރު ފެންނަން އަދި ހަފްތާއެއްހާ ދުވަސް ނަގާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ގެރި

  އަދިވެސް އިންޑިއާމީހުން ގެނޭ ގިނަގިނައިން

  17
  1
 2. ޖަޒީރާވަންތަ ކެހެރިނުފަޅާ ޖަނަވާރު

  ތީ މައްސަލައެއް ނޫނެއްނު.. މި ސަރުކާރުވެސް އޮތީ ރޭޕާ ވައްކަމާ ޖިންސީ ގޯނާއަށް ފައްސިވެފަ.. ކޯޗަކަށް ފައްސި ނުވާނީ..

  18
  1
 3. ގެރި

  ފިހުނުމަހަށްތޯ ފައްސިވީ

  12
  3