ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި އެމަނިކުފާނަށް ލިބުނު އަނިޔާގެ މައުލާޔާއި ހާލުކޮޅުގެ އެންމެ ފަހުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަޒީރުންގެ މަޖިލީހަށް ހިއްސާ ކޮށްފައެވެ.
ރައީސް ސޯލިހް ވަޒީރުންގެ މަޖިލީހަށް އެ މައުލޫމާތު ހިއްސާ ކޮށްފައިވަނީ މިއަދު އޮންލައިން ކޮށް ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ. މި ޖަލްސާގައި ރައީސް ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާ ވަޒީރުންގެ މަޖިލީހުން ވަނީ ހަރުކަށި ޢިބާރާތުކުއްވެރި ކޮށްފައެވެ.
މި ޖަލްސާގައި ރައީސް ސޯލިހް ވަނީ، ރައީސް ނަޝީދަށް ދީފައިވަނީ ޓެރަރިޒަމްގެ ވަރަށް ނުރައްކާތެރި ހަމަލާއެއް ކަމަށް ވިދާޅުވެފައެވެ. އަދި އެޙަމަލާއާ ގުޅިގެން ތަޙުޤީޤު ޓީމުގެ މަސައްކަތް މިހާރު ކުރިއަށް ގޮސްފައިވާ ހިސާބާއި، ދައުލަތުގެ އެންމެހާ ބާރުތަކާއި، ދިވެހި ރައްޔިތުންގެ ރައްކާތެރިކަން ޔަޤީންކުރެއްވުމަށް އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކުގެ މަޢުލޫމާތު ވަނީ ހިއްސާ ކުރައްވާފައެވެ.
ރައީސް ނަޝީދަށް ހަމަލާދީފައިވަނީ މި މަހުގެ 6 ވަނަ ދުވަހު އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ. ކެނެރީގެއިން ނިކުމެވަޑައިގެން މަޖީދީ މަގުގައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަތުމަށް ހިންގަވައި ވަޑައިގަންނަވަނިކޮށް އެސަރަހައްދުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑި ދަށުން ބޮމެއް ގޮއްވާލައިގެންނެވެ.
މި ހަމަލާގައި އެމަނިކުފާނަށް ލިބުނު ޒަހަމްތަކަށް ފަރުވާ ދީފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ.
ގޮނޑި ދުއްވާލަން ދަނިކޮށް އެއްކޮށް ރަނގަޅު ވެދާނެ...!