މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ތެރެއިން ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހިފައި ވަނީ އައްޑޫ ސިޓީއަށް ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ވިދާޅުވެއްޖެ އެވެ.

މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަނީ ބޯކޮށް ވާރޭވެހެމުންނެވެ. ރާއްޖެއަށް މިހާރު ކުރަމުންދަނީ މޫސުމީ ވިއްސާރަ އެވެ. އެހެން ނަމަވެސް ކުރިއަށް އޮތްތަނުގައި ރާއްޖެ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު ބޮޑުވެފައިވާތީ، އެ ތޫފާނުގެ ސަބަބުން ރާއްޖެއަށް ވިއްސާރަ ކޮށްފާނެ އެވެ.

މެޓް އިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، މިދިޔަ ހޯމަ ދުވަހުން ފެށިގެން ރާއްޖެއަށް ކުރަން ފެށި ވިއްސާރަ އާއި އިއްޔެ ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަ ފެށިފައިވާކަމަށެވެ.

އަދި ވޭތެވެދިޔަ 24 ގަޑިއިރު ތެރޭގައިވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ވާރޭވެހިފައިވާ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

އެގޮޮތުން އެންމެ ގިނައިން ވާރޭވެހިފައި ވަނީ އައްޑޫ ސިޓީގެ ގަމަށް ކަމަށް މެޓް އޮފީހުން ވިދާޅުވާއިރު، އެއީ 164 މިލިލީޓަރުގެ ވާރޭ އެވެ. އަދި އައްޑޫ ސިޓީ ހިތަދޫއަށް 157 މިލިލީޓާރުގެ ވާރޭވެހިފައިވާ ކަމަށާއި، ހުޅުމީދޫއަށް 130 މިލިލީޓަރުގެ ވާރޭވެހިފައިވާ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

މެޓް އޮފީހުން ވަނީ ރާއްޖޭގެ އުތުރާއި އެހެން ހިސާބުތަކަށްވެސް ބޯކޮށް ވާރޭވެހި ބައެއް ރަށްތަކުގައި ފެންބޮޑުވެފައިވާކަން ފާހަގަކޮށްފައެވެ.