މޫސުން ވަރަށް ގޯސްވެ، ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އެންމެ އުތުރުގެ ރަށްތަކަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން އޮރެންޖް އިންޒާރު ނެރެފި އެވެ.

މީގެ އިރުކޮޅެއް ކުރިން މެޓް އިން ނެރުނު އިންޒާރުގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ޅ އަތޮޅުގެ ރަށްތަކާއި ހަމައަށް މޫސުން ވަރަށް ގޯސްވާނެ ކަމަށެވެ.

އެގޮތުން މި ސަރަހައްދުތަކުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށާއި، ގަޑިއަކު 34 މޭލާއި، 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދާވެނެ ކަމަށް މެޓް އޮފީހުން ލަފާ ކޮށްފައި ވެއެވެ.

އަދި ކަނޑުތައް ގަދަވެ، ބައެއް ރަށްތަކަށް ރާޅު އަރާފާނެ ކަމަށް ލަފާ ކޮށްފައި ވެއެވެ.

މި އިންަޒާރުގެ މުއްދަތު ހަމަވާނީ މިއަދު ހަވީރު 17:15އަށެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ މި ވިއްސާރަގައި އުތުރުގެ ގިނަ ރަށްތަކަށް ދަނީ ގެއްލުންތަކެއް ވަމުންނެވެ. އެގޮތުން ބައެއް ރަށްތަކުގައި ފެންބޮޑުވުން ފަދަ ކަންކަން ދަނީ ވަމުންނެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ މޫސުން އިތުރަށް ގޯސްވެދާނެ ކަމަށް މެޓް އޮފީހުން ވިދާޅުއެވެ.

އެއީ ރާއްޖެ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު ބޮޑުވެ، އެ ތޫފާންގެ އަސަރު ރާއްޖެއަށް ނުސީދާކޮށް ކުރާނެ ކަމަށް ބެލެވިފައިވާތީ އެވެ.