ރާޅު އަރާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު (ޔެލޯ އެލާޓް) މެޓް އިން ނެރެފިއެވެ.

މެޓުން މި ސަމާލު ނެރެފައިވާއިރު، މޫސުން ވަރަށް ގޯސްވެ، ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އެންމެ އުތުރުގެ ރަށްތަކަށް ވަނީ އޮރެންޖު އިންޒާރު ނެރެފައެވެ.

މެޓުން ދެންމެ ނެރެފައިވާ ރީނދޫ ސަމާލުގައި ބުނެފައިވަނީ ކާފު އަތޮޅުން ފެށިގެން އައްޑޫސިޓީ އާއި ހަމައަށް ބޯކޮށް ވާރޭވެހި، ފެން ބޮޑުވެދާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހެނޭ ކަމަށެވެ. އެހެން ނަމަވެސް ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ، ކަނޑުތައް ގަވަވުމާއި ރާޅު އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މި ސަމާލު މެޓުން ނެރެފައިވަނީ މިރޭ 20:30 އިން ފެށިގެން 23:30 އަށެވެ. މިވަގުތާއި ހަމައަށް ސަމާލު ނެރުނު ނަމަވެސް، މި ސަމާލު މުއްދަތު އިތުރު ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެފައިވާއިރު، ބައެއް ރަށްތަކުގައި ފެންބޮޑުވެ، އުދަ އަރަމުން އަންނަކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު