މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޙާބުގެ ކަންކަން ހަރުދަނާކުރުމުގެ ގޮތުން، އދ. އާއި ވިލާތު އިއްތިޙާދާ، އިލެކްޝަންސް ކޮމިޝަނުން މަޝްވަރާކުރައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާ ގޮތުގައި މި މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވަނީ ވަކިވަކިންނެވެ.

އދ. އާއެކު ކުރިއަށް ގެންދެވުނު ބައްދަލުވުމުގައި ހިއުމަން ރައިޓްސް އާއި ރޫލް އޮފް ލޯ އާއި ބެހޭ އެޖަމިއްޔާގެ ވެރިޔާ މޯނާ ރޭޝްވާމީ އާއި އެޖަމިއްޔާގެ ފަރާތުން ރާއްޖޭގައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ، ޝޯކޯ ނޯޑާ ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެއިތުރުން، ވިލާތު އިއްތިޙާދާއެކު ބޭއްވެވި ބައްދަލުވުމުގައި ބައިވެރިވަޑައިގަންނަވާފައިވަނީ އެޖަމާއަތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓުންގ-ލައި މާގިއޫއެވެ.

މި ބައްދަލުވުންތަކުގައި އިންތިޙާބަށް ވަމުންދާ ތައްޔާރީތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ބޭރުގެ ވަފުދުތަކަށް ފޯރުކޮށްދެއްވާފައިވާއިރު އިންތުޙާބުގެ ކަންކަން އިތުރަށް ރަނގަޅު ކުރުމަށް ކުރެވޭނެ ކަންކަން، އެފަރާތްތައްވެސް ކިޔައިދެއްވާފައިވާކަމަށް ކޮމިޝަނުން ވިދާޅުވެފައިވެއެވެ.

ހަމައެހެންމެ، މިދިޔަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޙާބު، މިނިވަންކަމާއި އިންސާފުވެރިކަމާއެކު ނިންމާލެވިފައިވާތީ، އެފަރާތްތަކުން ކޮމިޝަނަށް މަރުޙަބާ ދެންނެވިކަމަށް ކޮމިޝަނުން ވިދާޅުވެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން އިތުރަށް ހާމަކުރައްވާފައިވާ ގޮތުގައި މި ބައްދަލުވުމުގައި އެކޮމިޝަނުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާފައިވަނީ ނައިބު ރައީސް އަމްޖަދު މުޞްތަފާ އާއި އިތުރު ބައެއް މެންބަރުންނާއި އެކްޓިންގ ސެކެރެޓަރީ ޖެނެރަލެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު، ރިޔާސީ އިންތިޙާބު ބޭއްވުމަށްވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު