ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ހަމަލާ ދިން މައްސަލަ ދިރާސާކޮށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ގެ ރިޕޯޓް އެޖެންޑާކޮށް މާދަމާ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

މަޖިލީހުން މާދަމާ ބާއްވާ ޖަލްސާގެ އެޖެންޑާ އާންމުކޮށްފައިވާއިރު، އެ އެޖެންޑާގައި އޮތީ ދެ ކަމެކެވެ. އެ ދެ ކަން ވެސް ގުޅެނީ ރައީސް ނަޝީދަށް ދިން ހަމަލާއަށެވެ.

ފުރަތަމަ ކަމަކީ ރައީސް ނަޝީދަށް ދިން ހަމަލާގެ މައްސަލައާ ގުޅިގެން މަޖިލީހުގެ ރިޔާސަތުން ހުށަހަޅާ މައްސަލައެކެވެ. ދެވަނަ ކަމަކީ މަޖިލީހުގެ 241 ކޮމިޓީން އެ މައްސަލަ ދިރާސާކޮށް އެކުލަވާލާފައިވާ އެ ކޮމިޓީގެ ރިޕޯޓެކެވެ.

މި މަހުގެ ހަވަނަ ދުވަހުގެ ރޭ އިރާކޮޅު ރައީސް ނަޝީދަށް ހަމަލާ ދިނުމާ ގުޅިގެން އެ ރޭ ވެސް މަޖިލީހުގެ ކުއްލި ޖަލްސާއެއް ބޭއްވިއެވެ. އެ ޖަލްސާ ކުރިއަށް ދިޔައީ އެމަނިކުފާނަށް ދެމުންދާ ފަރުވާގެ އެންމެ ފަހުގެ މައުލޫމާތުތައް ރިޔާސަތުން މެންބަރުންނަށް ފޯރުކޮށްދެވޭ ޖަލްސާއެއްގެ ގޮތުގައެވެ.

އެއަށް ފަހުގެ މަޖިލީހުގެ 241 ކޮމިޓީއިން އެ މައްސަލައިގެ ތަހުގީގަށް ފަރާވެރިވުމުގެ މަސައްކަތް ފެށިއެވެ. މި ގޮތުން ތަހުގީގީ އިދާރާތަކުގެ އިސްވެރިން ހާޒިރުކޮށް މަޝްވަރާކޮށްފައިވެއެވެ. މި ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައި ވަނީ މީޑިއާއަށް އޯޑިއޯ ފީޑް ދޫނުކުރާ ގޮތަށް ސިއްރުންނެވެ.

ރައީސް ނަޝީދަށް ހަމަލާއެއް ދިނީ މި މަހުގެ ހަވަނަ ދުވަހުގެ ރޭ އިރާކޮޅެވެ. އެއ އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ. ކެނެރީގެއިން ނުކުމެވަޑައިގެން މަޖީދީމަގުގައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރުއްވަން ހިންގަވާފައި ދަނިކޮށް މަޖީދީ މަގާއި ނީލޯފަރު ހިނގުމާ ކަންމައްޗެއްހާ ހިސާބުން ބޮމެއް ގޮއްވާލައިގެނެވެ. މި އައިއީޑީ ހަރުކޮށްފައި އޮތީ އެ ސަރަހައްދުގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައެވެ.

އެމަނިކުފާނަށް މި ހަމަލާގައި ގިނަ ޒަޚަމްތަކެއް ލިބިވަޑައިގެންނެވިއެވެ. އޭޑީކޭގައި ހަފްތާއެއްހާ ދުވަސް ވަން ދެން ފަރުވާ ދެއްވުމަށް ފަހު، މިހާރު ވަނީ އިތުރު ފަރުވާއަށް ޖަރުމަން ވިލާތަށް ވަނީ ވަޑައިގެންފައެވެ.

މި މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފައިެވއެވެ. އެ މީހުންގެ ބަންދަށް ޝަރީއަތުން 15 ދުވަހުގެ މުއްދަތެއް ޖަހާފައިވެއެވެ. މިއީ މި ހަމަލާގައި އަމަލީ ގޮތުން އުޅުނު ތިން މީހުނެވެ. މި ކަމުގައި ޝާމިލްވާ އިތުރު މީހުން ހޯދުން ލަސްވާތީ އާންމުންގެ ކަންބޮޑުވުން ދަނީ އިތުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އޮޅުވާލި ވޯޓު

    ތިޔަމަޖިލީހަކީ ތަހުގީގީ އިދާރާއެއްތޯ ފޭކުފޮޓޯ ތަކެބޭނުންކޮއްގެން މާބޮޑުކަމެއް ވެއްޖެކަމައް ހަދަނީ

  2. މައިކް

    ކަލޭމެން ބޯޑުމުސާރަކައިގެން ރައިތުން ގެ ދިﷲުގަ ވާހަކަދެއްކީ ކޯން ދުވަހަކު. ކޮވިޑްގަ ތައިތުނަ ަނއް އެހީވާން އެޖެންޑާނުކުރީކީވެ؟ ބަލިމަޑުކަމުން ސަލާމތް ވާ އެޛެންޑާނުކުރީކީވެ؟