ބ.އަތޮޅު ދަރަވަންދޫގައި ފުލުހުން ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ މިމަހުގެ 06 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އާއި ގުޅުން ހުރި މީހެއް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ދަރަވަންދޫގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވި ނަމަވެސް މައްސަލަ އާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ.

ނަމަވެސް "ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ދަރަވަންދޫން ހައްޔަރުކޮށްފައިވަނީ ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު ނަމަކަށް ކިޔާ މީހެކެވެ. އޭނާއަކީ އައިއީޑީ ހަރުކޮށްފައި ހުރި ސައިކަލް ނީލޯފަރުމަގާއި މަޖީދީމަގު ގުޅޭ ކަންމަތީގައި ޕާކް ކުރި މީހާ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ނަމަވެސް މިމައުލޫމާތު އަދި ރަސްމީ އިދާރާއަކުން ކަށަވަރުކޮށެއް ނުދެއެވެ.

އުމުރުން 21 ވަރަކަށް އަހަރުގެ ފާތިހު އަކީ ކުރިން މޯލްޑިވިއަންގެ ކެބިންކްރޫއަކަށް އުޅުނު މީހެކެވެ. ނަމަވެސް މިހާރު ވަޒީފާ ދޫކޮށްލިތާ ދުވަސްތަކެއް ވެއްޖެއެވެ.

ފާތިހު ދަރަވަންދުއަށް ދިޔައީ މިމަހުގެ 10 ވަނަ ދުވަހު އެވެ. އޭނާ ހައްޔަރުކުރި އިރުވެސް ހުރީ ކަރަންޓީންގައެވެ. އޭނާ ދަރަވަންދުއަށް ދިޔައީ ކައިވެނި ކުރަން ކަމަށް ބައެއް މީހުން ގާތުގައި އޭނާ ބުނެފައި ވެއެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އާއި ގުޅިގެން ފާތިހުގެ އިތުރުން އިތުރު ތިން މީހަކު ވެސް ވަނީ މިހާރު ހައްޔަރުކޮށްފައެވެ. އެއީ އެއީ ބޮންގޮއްވާލުމުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އަދުހަމް އަހުމަދާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އާއި ގުޅޭ އިތުރު މައުލޫމާތު ހާމަކުރަން މިއަދު 11:00 ގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ފުލުހުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހުމަދު

    ފުލުހުންގެ ޔުިނފޯމާއި އައުޓްފިޓް ވަރަށް ޒަމާނީވެފަ ފުރިހަމަ. އެކަމަކު ޕްރޮފެށަން އަދިވެސް 80
    އިގެ އަހަރުތަކުގަ. ރަނގަޅުކޮށްލަން އެބަޖެހޭ.

    12
    1