އައްޑޫ ސިޓީން އިތުރު 23 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލުން މިރޭ އާއްމުކުރި މައުލޫމާތުތައް ދައްކާ ގޮތުގައި އައްޑޫން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 175 އަށް އަރާފައެވެ. 31 މީހަކު މިހާރު ބަލިން ރަނގަޅުވެފައި ވާތީ މިހާރު ކޮވިޑް ބަލި މީހުންގެ ގޮތުގައި ތިބީ 144 މީހުންނެވެ. އޭގެތެރެއިން ހަމީހުންނަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

އައްޑޫގެ ވަކިވަކި ރަށްތަކަށް ބަލާއިރު އެންމެ ގިނަ މީހުން ފައްސިވެފައި ވަނީ ހިތަދޫންނެވެ. އެރަށުން 77 މީހަކު ވަނީ ފައްސިވެފައެވެ. ދެން އެންމެ ގިނަ މީހުން ފައްސިވެފައި ވަނީ ހުޅުދޫންނެވެ. އެރަށުން 40 މީހަކު ވަނީ ފައްސިވެފައެވެ.

ކޮވިޑް ކޮންޓްރޯލް ކުރަން އައްޑޫގައި ވެސް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އައްޑޫގައި ވަނީ ހަވީރު 16:00 އިން ފަތިހު 04:00 އަށް ކާފިއު ވެސް ހިންގަން ފަށާފައެވެ. އޭގެ އިތުރުން ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން މަނާކޮށް އައްޑޫ ސިޓީގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ.

ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓްތަކާއި، ކާބޯތަކެތީގެ ޚިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުމަށް ވެސް ވަނީ އަންގާފައެވެ. މީގެ ތެރޭގައި ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތެއް ނުހިމެނެއެވެ. ނަމަވެސް، ކާފިއު ވަގުތުގައި ޓޭކްއަވޭގެ ޚިދުމަތެއް ނުދެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު