ކޮވިޑް ޖެހިގެން 37 އަހަރުގެ ދިވެއްސަކު އިންޑިއާގައި ނިޔާވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް ޖެހިގެން އިންޑިއާގައި ނިޔާވެފައި ވަނީ ދިވެހި ފިރިހެނެކެވެ. އޭނާ އަކީ ލ.އަތޮޅު ހިތަދޫ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

"ވަގުތު"އަށް މައުލޫމާތުދެމުން ނިޔާވި ފިރިހެން މީހާގެ އާއިލާ މެންބަރަކު ބުނީ، އޭނާ ނިޔާވެފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.

އަދި އެ މީހާއަކީ ކިޑްނީ ފެއިލްވެގެން ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށް ނޮވެމްބަރު 29 ވަނަ ދުވަހު އިންޑިއާއަށް ދިޔަ މީހެއް ކަމަށް އާއިލާއިން ބުންޏެވެ.

އޭނާގެ ކިޑްނީ ޓްރާންސްޕްލާންޓް ހެދީ މާރިޗް އެއް ވަނަ ދުވަހު އެވެ. އަދި އެ ކަންތައް ނިންމައި، އަނބުރާ ރާއްޖެ އައުމަށް ތައްޔާރުވަމުން ދަނިކޮށް އެ މީހާގެ އިތުރުން، އާއިލާ އިތުރު ބައެއް މީހުން ގައިން ކޮވިޑް ބަލީގެ އަލާމަތްތައް ފެނިގެން ޓެސްޓު ކުރުމުން ކޮވިޑަށް ފައްސިކަން އެނގުނު ކަމަށް އޭނާ ބުންޏެވެ.

"އޭޕްރިލް 29 ހިސާބުގައި އަލާމާތްތައް ފެނިގެން ޓެސްޓު ހެދީ، ޓެސްޓު ހެދިއިރު ޕޮޒިޓީވްވީ، އެކޮޅުގައި ތިބި ހަތަރު މީހުންގެ ތެރެއިން ތިން މީހުން ޕޮޒިޓިވްވި، އަދި އޭނާގެ ހާލާތު ކުޑަކޮށް ގޯސްވާން ހެދީމަ ޑޮކްޓަރުން އޭނާ އެޑްމިޓް ކުރީ ހޮސްޕިޓަލްގައި، ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮންނަތާ މިއަދު މިއީ 24 ވަނަ ދުވަސް".