މިދިޔަ އަހަރެކޭ އެއްގޮތަށް ކޮވިޑް-19ގެ ރިލީފް ލޯނުގެ ގޮތުގައި ކުދި ވިޔަފާރިތަކަށް 'ސޮފްޓް' ލޯން ދޭން ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެކަން ހާމަކޮށްފައި ވަނީ މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވީ، ކޮވިޑާއި ގުޅިގެން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފެށުމާއި އެކީގައި ބައެއް ފަރާތްތަކަށް ބައެއް ދަތިތައް ކުރިމަތިވާނެ ކަމަށެވެ. ރައީސް ފާހަަގަކުރެއްވީ ހާއްސަކޮށް ކުދި ވިޔަފާރިތަކުގެ ވާހަކައެވެ.

ރައީސް ވިދާޅުވީ، ސަރުކާރުން އަންނަނީ މިކަމާއި ދޭތެރޭގައި ކޮށްދެވެން އޮތީ ކޮން ކަމެއްތޯ ބަލައި، މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

އެގޮތުން އެ މަޝްވަރާގެ ތެރެއިން މިދިޔަ އަހަރު ދިން ގޮތަށް މިއަހަރު ވެސް ކުދި ވިޔަފާރިތަކަށް ސޮފްޓް ލޯން ދޭން ފަށާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"އޭގެ ތެރޭގައި ކެފޭ، ރެސްޓޯރެންޓް، ޖިމްތައް، ސެލޫން ހިންގާ ފަރާތްތައް ހިމެނޭ. ބުކްޝޮޕް ތަކާއި ކުދި އެހެން ވިޔަފާރިތަކަށް އަމާޒު ކޮށްގެން" ރައީސް ވިދާޅުވިއެވެ.

ކުދި ވިޔަފާރިތަކަށް ލޯން ދޭން ފަށާނެ ކަމަށް ވިދާޅުވި ނަމަވެސް ލޯނުތައް ދޭން ފަށާނީ ކޮން ތާރީހެއްގައި ކަމެއް ރައީސް ހާމައެއް ނުކުރައްވައެވެ.

މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް، މިދިޔަ އަހަރެކޭ އެއްގޮތަށް ސްޓިމިއުލަސް އިކޮމޮނިކް ޕެކޭޖެ ލޯނުތަކެއް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ޖޫން މަހުގެ ތެރޭގައި އެކަން ފެށިގެން ގާތްގަނޑަކަށް 375 މިލިއަން ރުފިޔާ ފެސިލިޓޭޓް ކުރެވިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.