އައްޑޫސިޓީން އިތުރު ހަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އިތުރު ހަ މީހަކު މި ބައްޔަށް ފައްސިވެ، އެސިޓީން ފައްސިވި މީހުންގެ އަދަދު ވަނީ 244 އަށް އަރާފައެވެ.

އައްޑޫއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 244 އަށް އެރި ނަމަވެސް މިވަގުތު އެކްޓިވް ވޭދައެއް ގޮތުގައި އުޅެނީ 170 އެވެ. އެއީ ހިތަދޫއިން 105، ފޭދޫއިން 10، ހުޅުދޫއިން 34، މީދޫއިން 7، މަރަދޫ އިން 10 އަދި މަރަދޫ ފޭދޫއިން އެކެކެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އައްޑޫއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 72 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު ދެ މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، މި ބަލި ޖެހިގެން ދެ މީހަކު ވަނީ އައްޑޫން ނިޔާވެފައެވެ.

އައްޑޫސިޓީގައި ހަލުވި ކަމާއި އެކީ ކޮވިޑް-19 ފެތުރެމުން އަންނާތީ އެޗްޕީއޭއިން ވަނީ ހަވީރު 16:00 އިން ފެށިގެން ފަތިހު 4:00 އަށް އެސިޓީގައި ކާފިއު އިއުލާނުކޮށް، ބައެއް ފިޔަވަޅުތައް އަޅާފައެވެ.

އެސިޓިގައި މީގެ ކުރިން ކާފިއު ހިންގާފައިވަނީ ހަވީރު 18:00 އިން ފެށިގެން ފަތިހު 4:00 އަށެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ކޮވިޑް-19 ފެތުރެމުން އަންނާތީ އެޗްޕީއޭއިން ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްތަކުގައި ކާފިއު ހިންގުމަށް ނިންމާފައެވެ.