މާލެ އަތޮޅު ކޮކޯ ބޮޑު ހިތީގައި ކޮވިޑް-19 ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކަމަށާއި އެކަމާއި ގުޅިގެން އެންމެ އެދެވޭ ފިޔަވަޅުތަކެއް ރިސޯޓުން ނާޅާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

"ވަގުތު" އަށް ރިސޯޓުގެ މުވައްޒަފުންގެ އުދާސްތައް ހިއްސާ ކުރަމުން މައުލޫމާތު ދިން މުވައްޒަފަކު ބުނެފައިވަނީ އެތަނުގައި ކޮވިޑް-19ގެ ބޮޑު އިހަލެއް އުފެދިގެން އުޅޭ ކަމަށާއި އެހެން ނަމަވެސް އެޗްއާރު އިން އެންމެ އެދެވޭ ފިޔަވަޅުތަކެއް އަޅާފައި ނުވާ ކަމަށެވެ. އަދި މުވައްޒަފުންގެ ރައްކާތެރި ކަމަށް ވެސް އެހާ އިސްކަމެއް ނުދޭ ކަމަށް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

އޭނާ ބުނީ ގޮތުގައި ރިސޯޓުގައި މިވަގުތު ކޮވިޑް-19 ޖެހިފައި ތިބި 27 ނުވަތަ 30 ވަރަކަށް މީހުން އެބަ ތިއްބެވެ.

އެންމެ ފުރަތަމަ އެރިސޯޓުން ފައްސިވެފައިވަނީ މިމަހުގެ 23 ވަނަ ދުވަހު ރޯގާގެ އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދައްކައި ހެދި ޓެސްޓުން އެރިސޯޓުގެ ދިވެހި މުވައްޒަފެކެވެ. އޭގެ ފަހުން އެތަނުގައި މަސައްކަތް ކުރާ ބަންގަލަދޭޝް މީހަކު ފުރަން ވެގެން ހެދި ޕީސީއާރު ޓެސްޓް ކޮވިޑަށް ފައްސިވިއެވެ.

"ވަގުތު" އާއި ވާހަކަ ދެއްކި އިތުރު މުވައްޒަކު ބުނާ ގޮތުން އެއީ ރިސޯޓުން ފުރަތަމަ ކޮވިޑަށް ފައްސިވި މީހުން ކަމަށެވެ. އޭގެ ފަހުން އެހާ ބައިވަރު މީހުން ކޮވިޑް-19 އަށް ފައްސިވިއިރު ވެސް، ބުރާސްފަތި ދުވަހު ހަވީރާއި ހަމައަށް ރިސޯޓުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް އެކަމުގެ މައުލޫމާތު ހިއްސާ ނުކުރާ ކަމަށް އޭނާ ބުންޏެވެ.

"މިކޮޅުން ޓެސްޓް ހެދީމަ އިނގޭނެ ޕޮޒިޓިވްކަން. ދެން އެމީހުން އެކަހެރި ކޮށްފައި ތިބެނީ. އެޗްޕީއޭއަކަށް ނާންގާ" މުވައްޒަފަކު ބުންޏެވެ.

ފައްސިވެފައިވާ މީހެއްގެ ކޮޓަރިއެއްގައި ދިރިއުޅެމުން އައި އެ ރިސޯޓުގެ ފިހާރާގައި މަސައްކަތް ކުރަމުން އަންނަ މީހަކު އެކަހެރި ނުކޮށް، އޭނާ މަސައްކަތަށް ނުކުމެ ގިނަ ބަޔަކާއި ބައްދަލުވާ ކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

"އެޗްއާރުން އިންނަނީ އެމީހާ އެހެން ރޫމަކަށް ލާފައި އެމީހާ ނުކުމެ އުޅޭ ގޮތަށް ހަދާފައި. އަސްލު ޑައިރެކްޓް ކޮންޓެކްޓަކަށް ވާނީ އެމީހާ" މުވައްޒަފު ބުންޏެވެ.

މިކަމުގައި އެޗްއާރަށް މުވައްޒަފުން ޝަކުވާ ކުރި ކަމަށާއި އެހެން ނަމަވެސް އެކަމަށް އެއްވެސް ކަހަލަ އަޅާލުމެއް ނުދޭ ކަމަށް އޭނާ ވަނީ ބުނެފައެވެ. އެހެން ނަމަވެސް އިއްޔެ ވަގުތެއްގައި ފައްސިވެފައިވާ މީހަކު ނުރުހުން ފާޅުކުރަން ފެށުމުން ވަކި ވަކި މީހުންގެ ޓެސްޓް ހަދަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

"މިކޮޅުގެ ގްރޫޕުގައި ވެސް ޖެހި. ޖެހީމަ އެމީހާ ގޯސް ކޮށްފައި. ގްރޫޕުން ބޭރުކޮށްލީ"

މިކަމާއި ގުޅިގެން ރިސޯޓުގެ އެޗްއާރަށް ގުޅުއްވުމުން ވިދާޅުވެފައިވަނީ "މިވަގުތު މީޑިއާއަށް މައުލޫމާތު ދެވޭނެ ބޭފުޅަކު ނެތް" ކަމަށާއި މެނޭޖަރު ހުންނެވީ މީޓިންއެއްގައި ކަމަށެވެ. ފަހުން މައުލޫމާތު ހިއްސާކުރާނެ ކަމަށް ވިދާޅުވި ނަމަވެސް ދެދުވަސް ވެގެން ދިޔައިރު ވެސް ރިސޯޓްގެ މެނޭޖްމަންޓްގެ ބަހެއް މިކަމާއި ގުޅިގެން ނުލިބުނެވެ.

ރާއްޖޭގައި ހަލުވި ކަމާއި އެކީ ކޮވިޑް-19 ފެތުރެމުން އަންނަ މިދަނޑިވަޅުގައި ރިސޯޓު ތަކުގައި ވެސް ކޮވިޑް-19 ގެ ވޭދަނަތައް އިތުރުވަމުން އަންނަ ކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ކޮހުން

  "މިކޮޅުން ޓެސްޓް ހެދީމަ އިނގޭނެ ޕޮޒިޓިވްކަން. ދެން އެމީހުން އެކަހެރި ކޮށްފައި ތިބެނީ. އެޗްޕީއޭއަކަށް ނާންގާ" މުވައްޒަފަކު ބުންޏެވެ. ކަނޑައެޅިގެން ދޮގެއް. ފައްސިވީމަ ރިސޯޓަށްވުރެ ކުރިން އެޗްޕީއޭއަށް އެނގޭނެ. އެޗްޕީއޭއިން ފޮނުވާނީވެސް ޕޮޒިޓިވް ވިކަމުގެ ލިޔުން.

  7
  9
 2. ލިރެ

  އަހަރެންވެސް ތިތާ މަސައްކަތްކުރިން، ތީ ވަރަށް މުޑުދާރު ތަނެއް،ތި ތތާ އެކަމޮޑޭޟަންވެސް ވަރަށް މުޑުދރު،ކާތަން ވެސް ވަރަށް ނަޖިސް، އެޗްއާރު ވެސް ވަރަށް ކަޑަ،ސްޓާފުންގެ ޒާތީ މައުލޫމާތުވެސް އަނެއް ސްޓާފުން ކައިރި ލީކްކޮއްލާ ތަނެއްތީ، އަންހެން އަދި ފިރިހެން ކުދީން އެކިމޮޑޭޟަން ބޮލޮކް ހުންނަނީ އެއްކޮށްފަ

  3
  1
 3. Anonymous

  ކީއްކުރާނީ ސިނާއަތުގެ މުވަައްޒަފުންނަށް ވަޒީރު ގެއަޅާ ލުމެއްނެތް. ހާލަތާއި ވަގުތާއި ނުބައްދަލު ދަތުރުގޮސް ނަށާ ވިޑިއޯ ޓްވީޓްކުރުމުގައި އެބޭފުޅާ އުޅުއްވަނީ.

 4. ހިތް ދަތި

  ކީއްކުރާނީ ސިނާއަތުގެ މުވަައްޒަފުންނަށް ވަޒީރު ގެއަޅާ ލުމެއްނެތް. ހާލަތާއި ވަގުތާއި ނުބައްދަލު ދަތުރުގޮސް ނަށާ ވިޑިއޯ ޓްވީޓްކުރުމުގައި އެބޭފުޅާ އުޅުއްވަނީ.

 5. މައުމޫން

  މިކަން ސިއްރުކޮއްގެން އުޅެނީ. ޖެހުނީމަވެސް އެޗްޕީއައް ނާންގާ ރޫމް ތަކުގަ ބައިތިއްބަނީ. މިތަނުން ބޭރަކައް ނުފޮނުވާ. މުވައްޒފުން ތިބީ ބޮޑު ބިރުވެރިކަމެއްގަ. މިތާ ގުރޫޕްގަވެސް އެއްޗެއް ލިޔާ މީހަކައް އެޗްއާރުން ދަނީ ބިރުދައްކާ ގުރޫޕުނ ނެރެމުން. އެޗްޕީއެން މިކަން ސީރެސްކޮއް ބަލަންވެއްޖެ

 6. ރަސީދުބެ

  މުވައްޒަފުން ތިބީ ބިރުވެރިކަމެއްގަ. މިކަމުގަ އިހުމާލުވާ ފަރާތްތަކައް ފިޔަވަޅު އަޅަން ޖެހޭ!...

 7. ކުރަނގި

  ދެން ހުރި ޑޮމެސްޓިކް އެއާޕޯރޓް ތައްވެސް އިންޓނޭޟަނަލް އެއާޕޯރޓް އައް ހާދާފަ ފަތުރުވެރިން ގެނައުން އިތުރުކުރޭ ނުވިތާކައް ދުނިޔޭގެ ކޮންމެ ތާކުންވެސް ރާއްޖެ އަންނަ މީހުން ގެ ޓިކެޓް ގެ އެއްބައިގަ ހިފާ .. ސޭފް މޯލްޑިވްސް... ސޭފް މޯލްޑިވްސް މުލި ދުުނިޔެއައް އިސްތިހާރު ކުރޭ ރަތްޔިތުން ނައް ވާނެ އެއްޗެއް ވޭ

 8. ބޭބެ

  މައުލޫމާތުލިބޭގޮތުގަމިހާރުވެސްހަތަރެއްނުވަފަސް ދުވަސްފަހުންއެމީހުންބޭނުންބަޔަކުނެރޭ

  1
  1
 9. ކުރީގެ ރިސޯޓް ބޯއީ

  ތިޔަ ނުފެތުރޭ ތަނެއް އޮވޭތަ.
  ފެތުރުނަސް ނުފެތުރުނަސް ކަލޭމެން އެބަ ޝަކުވާކުރޭ ރަށަަށް ނުދެވިގެންވެސް. ކަމެއް ދިމާވީމަ ގޯސަވްނީ އެޗް.އާރު

 10. ސސ

  ތިވާނީ ބަގުރަލާއި ޢޫރު މަހުގެ ސަބަބުން ފެތުރޭ ޖަރާސީމެއްކަމަށް !

 11. ބޮޑުހިތި ކޫދެއް

  ހަލުވިކަމާއެކު ފެތުރޭއިރުވެސް މިކަމާ އަޅާލާނެ ބަޔަކު ނެތޭ! މީހެއްގެ ފުރާނައައް ގެއލުންވިޔަސް އެޗް އާރުން ޒިންމާއެއް ނުނަގާނަމޭ ބުނެފަ މިހާރުވެސް އޮތީ. މިނިސްޓްރީން ވަގުތުން ވަގުތައް މިކަން ބެލުމައް ގޮވާލަން...