ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އެހީވެ، ބަލި މީހުންނަށް އަޅާލުމަށް ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް އެތައް ބަޔަކު އިސް ނަގާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ހާމަކޮށްފިއެވެ.

ރާއްޖޭގައި ކޮވިޑްގެ ބަލީގެ ހާލަތު އިންތިހާ އަށް ގޯސްވެ، ބަލި މީހުން ބަލާނެ މީހުން ވަނީ ބޭނުންވެފައެވެ. ކޮވިޑުގެ ބަލި މީހުންނަށް އަޅައިނުލެވުމުގެ އިތުރުން ފޯނު ކޯލްތަކަށް ޖަވާބު ނުދިނުން ފަދަ ގިނަ މައްސަލަތަކެއް މި ފަހުން ވަނީ ފެންމަތިވެފައެވެ. ސިއްހީ ހިދުމަތްތެރިން އެކަށީގެންވާ ވަރަށް މިހާރު ނެތުމުގެ ސަބަބުން ސަރުކާރުން ދަނީ ހިދުމަތްތެރިން ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ކޮވިޑްގެ މި ބަލިމަޑުކަމުގެ ތެރެއިން، ސަރުކާރަށް އެހީވެދިނުމަށް ގިނަ ބަޔަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

އެޗްޕީއޭ އިން ވިދާޅުވި ގޮތުގައި މިހާތަނަށް 1،000އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާއިރު، އެ ފޯމުުތައް ޕްރޮސެސް ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އަދި މި ވަގުތަށް، ފޯމު ބަލައިގަތުން މަޑުޖައްސާލާފައިވާ ކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.

އެޗްޕީއޭން ވަނީ އާއްމުންގެ ފަރާތުން ލިބުނު އެ އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.

ވޮލެންޓިއަރުންގެ ގޮތުގައި މިހާރު ވެސް ބައެއް މީހުން، އެތަނުގެ އެޗްޕީއޭގެ ކޯލް ސެންޓަރުގެ މަސައްކަތް ކުރެއެވެ. އެތަނުގެ އިތުރުން ބަލި މީހުންނަށް އަޅާލުމަށް ކޮވިޑް ފެސިލިޓީތަކަށާއި ކޮވިޑް-19 ގެ ސުންކު ނެގުން ފަދަ ކަންކަމަށް ވެސް ވޮލެންޓިއަރުން ވަނީ ބޭނުންވެފައެވެ. މީގެކުރިން ނަމަ، މަގުމަތީގައި ތިބެ ސިއްހީ ހިދުމަތްތެރިން، ބައެއް މީހުން ހުއްޓުވައި ކޮވިޑަށް ޓެސްޓް ކުރި ނަމަވެސް މިހާރު އެ މަންޒަރެއް ނުފެނެއެވެ.

ރާއްޖޭގައި މި ވަގުތު ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު 25،000 އާ ގާތް ކުރެއެވެ. ރާއްޖެ އިން މިހާތަނަށް 61،000 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހި 157 މީހަކު ވަނީ މި ބަލީގައި ދުނިޔެ ދޫކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އެލެކުސް 2

  ކޮންމެ މީހެއްގެ ބެކް ގްރައުންޑު ތުނޑުން ތުނޑަށް ޗެކު ކުރާތި؟ ވައްކަމުގެ ހާއްޔަކަށް ތިތަން ވެ ދާނެތީވެ ވަރަށް ކަން ބޮޑުވޭ

 2. އަބްސީ

  ވޮލަންޓިއަރުން ނޭ ބުނާއިރު ތިއޮފީހުގެ މަސައްކަތު މީހުންވެސް މުއްސަދިވެއްޖެ، މުޅިޤައުމުގެ ބަޖެޓް ޚަރަދުކުރަނީ ތިތަނަށް، މިހާރު މީހުންނަށް ވާނުވާ އެގޭތީ އެންމެން އެބަލަނީ ތިއޮފީހުން ވަޒީފާއެއް ލިބޭތޯ

  1
  2
  • ހ

   ނުލިބޭ އެލަވަންސެއް... މުއްސަދި ވަނީ ހަމަ އެކަނި ވެރިން