ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ށ.ގޮއިދޫ އަދި ށ.ކަނޑިތީމުގެ ރައްޔިތުންނަށް ށ. ފޭދޫ ރައްޔިތުންގެ ފަރާތުން އެހީ ފޯރުކޮށްދީފިއެވެ.

ފޭދޫ ރައްޔިތުންގެ ފަރާތުން މި ދެރަށުގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދީފައިވަނީ ފޭދޫ ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހަރަކާތުގައެވެ.

ފޭދޫ ކައުންސިލްގެ ރައީސް، އަހުމަދު ރައިސަމް "ވަގުތު" އަށް ވިދާޅުވީ، ކޮވިޑް-19ގެ ސަބަބުން ނާޒުކު ހާލަތެއްގައި އޮތް ގޮއިދޫއާއި ކަނޑިތީމުގައި ފޭދޫ ގިނަ ރައްޔިތުންގެ އާއިލީ ބޭފުޅުންނާއި ގާތްތިމާގެ މީހުން ދިރުއުޅެމުން އަންނަ ކަމަށެވެ. އެހެން ކަމުން އެކަމުގައި ރަށުގެ ހުރިހާ ރައްޔިތުންގެ ވެސް އެއްބާރުލުން ވަރަށް ފުރިހަމަ އަށް ލިބުނު ކަމަށް ރައިސަމް ވިދާޅުވިއެވެ.

އެހީގެ ގޮތުގައި ކާޑުގެ ބާވައްތަކާއި ކާބޯތަކެތީގެ އެހެން ބާވަތްތައް އެރަށަށް އިއްޔެ ފޮނުވާފައިވާ ކަމަށް ރައިސަމް ވިދާޅުވިއެވެ.

ރައިސަމް ވިދާޅުވީ، މިކަމުގައި ރަށުގެ ހުރިހާ ރައްޔިތުންގެ ވެސް ފުރިހަމަ އެއްބާރުލުން ލިބުނު ކަމަށާއި އެކަމަށް ރަށުގެ ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

މިދުވަސް ކޮޅަކީ މޫސުން ގޯސްވެ، ކަނޑުގަދަ ދުވަސް ކޮޅަކަށް ވުމުން މަސްވެރިކަން އެހާ ރަނގަޅު ނޫން ނަމަވެސް މަސްވެރިންގެ ފަރާތުން ވެސް ފުރިހަމަ އެއްބާރުލުމެއް ލިބިގެން އެހީ ފޯރުކޮށްދީފައިވާ ކަމަށެވެ. މަސްވެރިންނަށް ބޭނުންވާ ހުރިހާ ކޮއްތު ތައްޔާރު ކޮށްދިނީ ފޭދޫގެ އަންހެންވެރިން ކަން ރައިސަމް ފާހަގަ ކުރެއްވިއެވެ.

"މިރަށު ރައްޔިތުންގެ މީގަ މި ދެއްވި އެއްބާރުލުން އަޅުގަނޑު ކައުންސިލާއި ކައުންސިލް އިދާރާގެ މުވައްޒަފުންގެ ނަމުގައި ހަމަ ފޭދޫގެ ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާ ކުރަން." ރައިސަމް ވިދާޅުވިއެވެ.

ރައިސަމް ވިދާޅުވީ، އެދެރަށް ދިޔަ ދޯނިތަކުގެ މީހުން އެދެރަށުގެ ރައްޔިތުންނާއި އެއްވެސް ވަރަކަށް ބައްދަލުވެފައި ނުވާނެ ކަމަށާއި ނަގަން ޖެހޭ ހުއްދަތައް ނަގައިގެން ދެރަށުގެ ބަނދަރު މައްޗަށް ތަކެތި ބޭލުމަށްފަހު ދޯނިތައް އަނބުރާ ފުރައިގެން އައީ ކަމަށެވެ.

ށ. އަތޮޅަށް ބަލާއިރު، އެ އަތޮޅުގެ ހަތަރު ރަށަކުން ކޮވިޑް-19 ގެ ވޭދަނަތައް ފެނިގެން މިވަގުތު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައެވެ. އެހެން ކަމުން ރައިސަމް ވިދާޅުވީ، އެއްމީދަކީ އެ ހަތަރު ރަށް ވެސް އާއްމު ހާލަތަށް ރުޖޫއަ ވެގެން ދިއުން ކަމަށެވެ.

"އަޅުގަނޑުގެ ދުއާއަކީ މި އަތޮޅުގެ ވެސް ކޮވިޑްގެ ހާލަތާއި ގުޅިގެން މޮނިޓަރިންގެ ހާލަތަށް ލެވިފައިއޮތް ހަތަރު ރަށް ވެސް ހަމަ އަވަސް ރަހުމަތެއްގައި މޮނިޓަރިންގެ ހާލަތުން ނެގި، އާއްމު ހާލަތަށް ރުޖޫއަ ވެގެން ދިއުން" ރައިސަމް ވިދާޅުވިއެވެ.