ކޮވިޑް-19 ޖެހިގެން ރާއްޖޭގެ އެކި ހޮސްޕިޓަލްތަކުގެ އައިސީޔޫތަކުގައި ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު 18 އަށް އަރައިފިއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، މިވަގުތު ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުން އަންނަ މީހުންގެ ތެރެއިން 18 މީހަކަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށާއި އޭގެ ތެރެއިން 11 މީހަކަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށެވެ.

މަބްރޫކު ވިދާޅުވީ، ހުޅުމާލޭ މޭޑިކަލް ފެސިލިޓީގައި މިވަގުތު ކޮވިޑް-19 ޖެހިގެން 138 މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށާއި އޭގެ ތެރެއިން 128 މީހަކު ތިބީ މިވަގުތު ވޯޑުގައި ކަމަށެވެ. އަދި ހަ މީހަކަށް އައިސީޔޫގައި ފަރުވާ ދެމުން އަންނައިރު، ހަތަރު މީހަކަށް އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގަ ފަރުވާ ދެމުން އަންނަ ކަމަށެވެ. މަބްރޫކު ވިދާޅުވީ، ހުޅުމާލެ ކޮވިޑް ފެސިލިޓިގެ އައިސީޔޫގައި 10 ބަލި މީހުންނަށް މިވަގުތު ފަރުވާ ދެމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫއެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ 11 ވަނަ ފަންގިފިލާގައި އަށް މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށާއި އޭގެ ތެރެއިން ހަތް މީހަކަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ.

މަބްރޫކު ވިދާޅުވީ، ކޮވިޑް-19 ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލުގެ 17 ވަނަ ފަންގިފިލާގައި ނުވަ މީހަކަށް ފަރުވާ ދެމުން އަންނައިރު، 16 ވަނަ ފަންގިފިލާގައި ފަސް މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށާއި އައިޖީއެމްއެޗްގެ ހިޔަލަ ވިންގުގެ ވޯޑުގައި ދެ މީހަކަށް އަދި ޕްރައިވެޓް ވޯޑުގައި ފަސް މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލްގައި 21 މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި އެކި ރަށްރަށުގައި ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުން އަންނަ ތަންތަނަށް ބަލާއިރު، ބ. އަތޮޅު އޭދަފުށީގައި ހަ މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށާއި ށ. ފުނަދޫގައި 13 މީހަކަށް ފަރުވާ ދެމުން އަންނައިރު، ގއ. ވިލިނގިލީގައި ހަތަރު މީހަކަށް، ގދ. ތިނަދޫގައި ތިން މީހަކަށް، ލ. ގަމުގައި ތިން، އަދި ޏ. ފުވައްމުލަކުގައި އެކަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް-19ގެ ވޭދަނަތައް ރާއްޖޭގައި އިތުރުވަމުން އަންނައިރު، ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުން އަންނަ މީހުންގެ އިންސައްތަ ވެސް އަންނަނީ އިތުރުވަމުން ކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު