މިއަދު ރާއްޖެ އިން އިތުރު 710 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން 488 މީހުން ފައްސިވީ މާލެ އިންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 202 މީހުން ފައްސިވިއެވެ. ހިންގަމުންދާ ރިސޯޓްތަކުން 05 މީހުން، އަދި ތަރައްޤީ ކުރަމުންދާ ރިސޯޓްތަކުން 15 މީހުން މިއަދު ވަނީ ފައްސިވެފައެވެ.

މިއަދަކީ މިމަހުގެ 08 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު 5310 މީހުން ކޮވިޑަށް ޓެސްޓް ކޮށްފައި ވެއެވެ. މިއަދަކީ މިމަހުގެ 24 ވަނަ ދުވަހަށް ފަހު އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ޓެސްޓް ކުރި ދުވަހެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވީ %13.37 މީހުންނެވެ. މިއަދަކީ މެއި މަހުގެ 04 ވަނަ ދުވަހަށް ފަހު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ނިސްބަތުން އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

ރާއްޖެ އިން ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 204 މީހުންނަށެވެ. މިއަދަކީ މެއި މަހުގެ 07 ވަނަ ދުވަހަށް ފަހު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާދޭ މީހުންގެ އަދަދު މިހައި ބޮޑަށް ދަށަށް ދިޔަ ފުރަތަމަ ދުވަހެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް މަދުވާން ފަށާފައި މިވަނީ މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން ކޮވިޑް ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައި ވަނިކޮށެވެ. އަދި މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ހުއްދަ އޮވެގެން ނޫން ގޮތަކަށް ގެއިން ބޭރަށް ނިކުތުން މާލޭގައި ވަނީ މަނާކޮށްފައެވެ.