ފްލައިން ސްކޫލެއް ހިންގަން ޝައުގުވެރިކަން ބޭނުންވާ ފަރާތެއް ހޯދަން ގައުމީ އެއާލައިން ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަނުން އިއުލާންކޮށްފިއެވެ.

އައިއޭއެސް އިން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ، އެކަމަށް ޝައުގުވެރިވާ ރާއްޖޭގެ އިތުރުން ބޭރުގެ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށެވެ. އެފަރާތްތަކަކީ ފްލައިން ސްކޫލު ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ބަޔަކަށް ވާންޖެހޭނެއެވެ.

ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށައަޅަން ޖެހޭ އެންމެ ފަހު ތާރީހަކީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އިއުލާން ކޮށްފައިވާ އިރު، އައްޑޫ ގަމުގައި ހިންގަމުންދާ އޭއޭއޭ ފްލައިން ސްކޫލުގެ މައްސަލަ ވަނީ ބޮޑުވެފައެވެ. އެތަނުގައި ކިޔަވަމުންދާ ދަރިވަރުންގެ ޝަކުވާތައް ވެސް ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

ފްލައިން ސްކޫލުން ކިޔަވަން ކިޔެވުމަށް ދަރިވަރުން ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ ލޯންތަކަށް ލުއި ގޮތްތަކެއް ހަމަޖެއްސުމަށް ނިންމާފައިވާކަން ރައިސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިއުލާން ކުރައްވާފައެވެ. އޭއޭއޭގެ ދަރިވަރުންގެ މައްސަލާއާ ގުޅޭ ގޮތުން މަޖިލީހުގެ ތަަރައްގީއާ ތަރިކައިގެ ކޮމިޓީގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ، ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަ އަށް އޮތް އެންމެ ރަނގަޅު ހައްލަކީ އަ ފްލައިން ސްކޫލެއް އައުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު