‎ވަކި ތަރުތީބެއް ނެތި ނެގި ސުންކެއް ފައްސިވެ ރ. އުނގޫފާރު މޮނިޓަރިންނަށް ލައިފިއެވެ.

އުނގޫފާރު ކައުންސިލުގެ ނައިބު ރައީސް ޔޫޝައު ނަސީމް "ވަގުތު" އަށް ވިދާޅުވީ، އެންމެ ފުރަތަމަ އެ ރަށުން ފައްސިވެފައި ވަނީ އަލާމާތްތައް ހުރެގެން އެރަށު ހޮސްޕިޓަލަށް ދެއްކި 87 އަހަރުގެ އަންްހެނެއް ކަމަށެވެ. އޭނާ ފައްސިވެފައި ވަނީ މި މަހުގެ 18 ވަނަ ދުވަހު އެވެ.

އެ މީހާ ފައްސިވުމާ ގުޅިގެން ގާތުން އެއްތާވި މީހުންް ބަލައި ނެގި ސުންކުތަކުގެ ތެރެއިންް އެއްް ސުންކެއް ފައްސިވި ކަމަށާއި، އެއަށް ފަހު ފަހުން ފައްސިވެފައި ވަނީ އެމީހާ އާ ގާތުން އެއްތާވި މީހުން ކަމަށް ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.

މިއާއެކު މިހާތަނަށް 40 ގެއެއް ކަރަންޓީނަށް ލާފައިވާނެ ކަން ކައުންސިލްގެ ނައިބު ރައީސް ޔޫޝައު ފާހަގަ ކުރެއްވިއެވެ.

އިއްޔެ ރާއްޖެެއިން ފައްސިވެެފައި ވަނީ 710 މީހުންނެެވެ. ފައްސިވި މީހުންގެ ތެރެއިން 488 މީހުން ފައްސިވީ މާލެ އިންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 202 މީހުން ފައްސިވިއެވެ. ހިންގަމުންދާ ރިސޯޓްތަކުން 05 މީހުން، އަދި ތަރައްޤީ ކުރަމުންދާ ރިސޯޓްތަކުން 15 މީހުން ވަނީ ފައްސިވެފައެވެ.

މިދިޔަ މަހުގެ އަށްވަނަ ދުވަހުން ފެށިގެން ބަލާއިރު އިއްޔެ އަކީ އެންމެ މަދުން މީހުން ފައްސިވި ދުވަހެވެ. ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް މަދުވާން ފަށާފައި މިވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހުން ފެށިގެން ކޮވިޑް ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައި ވަނިކޮށެވެ.