އައްޑޫސިޓީން އިތުރު ފަސް މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އޭއީއޯސީ) އިން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ހަވީރު 18:00 އާއި ހަމައަށް ފަސް މީހަކު ވަނީ އެސިޓިން ފައްސިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހިތަދޫން ފައްސިވެފައިވާ މީހަކާއި ހުޅުދޫން ފައްސިވެފައިވާ ހަތަރު މީހެކެވެ.

މިއާއި އެކީ އެސިޓިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 302 އަށް އަރާފައެވެ. އޭގެ ތެރެއިން މިވަގުތު ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 155 މީހެކެވެ.

އޭގެ ތެރޭގައި ހިމެނެނީ ހިތަދޫން 111 މީހުން، މަރަދޫން 11 މީހަކު، މަރަދޫ ފޭދޫން ދެ މީހަކު، ފޭދޫން ދެ މީހަކު، ހުޅުދޫން 26 މީހަކާއި މީދޫއިން އެކަކެވެ.

އައްޑޫން މި ބަލި ޖެހުނު މީހުންގެ ތެރެއިން އިތުރު 11 މީހަކު ބަލިން ފަސޭހަވެ، ޖުމްލަ ބަލިން ފަސޭހަވި މީހުންގެ އަދަދު ވަނީ 145 އަށް އަރާފައެވެ. މިވަގުތު ހޮސްޕިޓަލުގައި ތިން މީހަކަށް ފަރުވާ ދެމުން އަންނައިރު، މި ބަލި ޖެހިގެން އައްޑޫން ދެމީހަކު ވަނީ ނިޔާވެފައެވެ.

އައްޑޫސިޓިގައި ކޮވިޑް-19 ހަލުވި ކަމާއި އެކީ ފެތުރެމުން އަންނާތީ ސަރުޚާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އައްޑޫގައި އަޅާފައެވެ. އެގޮތުން ހަވީރު 16:00 އިން ފެށިގެން ފަތިހު 4:00 އަށް ކާފިއު ހިންގާ ކެފޭ ރެސްޓޯރެންޓް އަދި ސްކޫލްތައް ވަނީ ބަންދު ކޮށްފައެވެ.

އަދި މިރޭ ކާފިއު މުއްދަތު ހަމަވާތީ ސަރުކާރުން ވަނީ ކާފިއު މުއްދަތުރު އިތުރު ހަފްތާއަކަށް ދަންމާލާފައެވެ.