ކޮވިޑް-19 އިން ދިފާއުވުމަށް އެމެރިކާ އިން ހަދިޔާ ކުރާ 25 މިލިއަން ޑޯޒްގެ ވެކްސިން ހަދިޔާ ކުރާ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިއްޖެއެވެ.

ވެކްސިން ހަދިޔާ ކުރުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން މިއަދު އިއުލާން ކުރެއްވި ސިޔާސަތުގެ ދަށުން ވެކްސިން އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ އެންމެ ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމުތަކާއި ތަރައްގީ ވަމުންދާ ގައުމުތައް ހިމެނެއެވެ.

އެމެރިކާ ސަރުކާރުން ނިންމާފައި ވަނީ 25 މިލިއަން ޑޯޒްގެ ވެކްސިންގެ ތެރެއިން 19 މިލިއަން ޑޯޒްގެ ވެކްސިން އދ.އިސްވެ އޮވެ އުފައްދާފައިވާ ކޮވެކްސް މެދުވެރިކޮށް ގައުމުތަކަށް ހަދިޔާ ކުރާށެވެ. މީގެ ތެރެއިން ހަތް މިލިއަން ޑޯޒްގެ ވެކްސިން އޭޝިއާގެ ގައުމުތަކަށް ހަދިޔާ ކުރަން ވަނީ ނިންމާފައެވެ.

އެހަތްމިލިއަން ޑޯޒް ވެކްސިން ލިބޭ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ އިންޑިއާ، ނޭޕާލް، ބަންގްލަދޭޝް، ޕާކިސްތާން، ސްރީލަންކާ، އަފްޣާނިސްތާން، މެލޭޝިއާ، ފިލިޕީންސް، ވިއެޓްނާމް، އިންޑޮނޭޝިއާ، ތައިލެންޑް، ލާއޮސް، ޕަޕާނިއުގިނީ، ޓައިވާން އަދި ޕެސިފިކް އައިލެންޑްސްއެވެ.

އޭޝިއާގެ ގައުމުތަކުގެ އިތުރުން އެމެރިކާ ބައްރުގެ ގައުމުތަކަށާއި އެފްރިކާ ބައްރުގެ ގައުމުތަކަށް ވެސް ވެކްސިން ހަދިޔާ ކުރަން އެމެރިކާ އިން ވަނީ ނިންމާފައެވެ.

އެމެރިކާ ސަރުކާރުން ބުނާ ގޮތުގައި ވެކްސިން ހަދިޔާ ކުރުމަށް އެމެރިކާ އިން ކުރިއަށް ގެންދާ ހަރަކާތުގެ ދަށުން ފުރަތަމަ ހަދިޔާ ކުރާ 25 މިލިއަން ޑޯޒްގެ އިތުރުން އިތުރު ޑޯޒްތަކުގެ ވެކްސިން ވެސް ކުރިއަށް އޮތްތަނުގައި ވެކްސިން އެންމެ ބޮޑަށް ބޭނުންވާ ގައުމުތަކަށް ހަދިޔާ ކުރަމުން ގެންދާނެއެވެ.

އެމެރިކާގެ ރިޔާސީގަނޑުވަރު ވައިޓްހައުސް އިން ނެރުނު ބަޔާނެއްގައި ބުނީ ވެކްސިން ރައްކާތެރިކަމާއިއެކު ގައުމުތަކަށް ފޯރުކޮށްދިނުމުގެ އިންތިޒާމްތައް މިހާރު ހަމަޖައްސަމުންދާ ކަމަށެވެ. ވެކްސިން ފޮނުވުމުގެ ދަތުރުފަތުރުގެ އިންތިޒާމްތައް ހަމަޖެހެމުންދާ މިންވަރަކުން ވެކްސިން ފޮނުވަމުން ގެންދާނެ ކަމަށް ވައިޓްހައުސް އިން ބުނެއެވެ.

އެމެރިކާ އިން އެހެން ގައުމުތަކަށް ވެކްސިން ހަދިޔާ ކުރަން ނިންމިކަން މިއިއުލާން ކުރީ އެމެރިކާ އިން ފަގީރު ގައުމުތަކަށް ވެކްސިން ހަދިޔާ ނުކުރާތީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ނާޅި

  އިސްރާއީލް ބަލައިގަތުމަށްދޭ ހަދިޔާ، އެދުމެއް ނެތިއްޔާ ވެދުމެއް ނުކުރާނެ !

 2. އަލިކޮއި

  އެމެރިކާގެ ޝައުގުވެރިކަން މިހާރު މިހުރީ ދުނީޔޭގެ ތާއިދުހޯދުމަށް އިންޑިއާ އަށް މިސަރަަހައްދުގެ ބާރުވެރިކަން ހޯދަދިނުމަށް ޗައިނާއާއި އެކުފެށިފައިވާ ފިނިހަގުރާމައިގެ ކުރިހޯދަން މިސްރާބް ޖަހާފައި އެކަމު އަހަރުމެނަށް އިނގޭކަމަކީ އެމެރިކާއަކީ ޒައިނިސްޓުންގެ ނުފޫޒުން ހިންގާގައުމެއްކަމާއި އެވެރިން ހެޔޮނޭދޭނެކަން މުސްލިމު ގައުމަކަށް ނިކަން ވިސްނާ ފަލަސްތީނާ ދޭތެރޭ ޒަމާނުއްސުރެ ކަންކުރާގޮތް . މީހުޅަގުގެ ދެފުއްކެހެރި ވިސްނުންމަށް އަހަރުން ހެއްލޭވަރަށްވުރެ އަހަރުންވެސް ރޯފިލާފައި މިހާރުވަނީ . އެމެރިކާޔޭ ބުނުމުން ހިތަކަށްނާރާ މީމާބޮޑުބަޔެކޭ އަދި ތިދޭ ވެކްސިންކޮޅަކީ ޗައިނާއިން ދީފައިވާ އެހީއައިބަލާ އެކައްޗެއްވެސްނޫން.

 3. ާރައިން

  ތީތިކޮޅު ލިބޭތޯ މަމެން މިތިބެނީ. މަމެން ސަލާން ނުޖަހާ އެއްކަމެއްވެސް ކުރަން ބޭނުމެއް ނުން. ޖޫރިމަނާ ކޮށްގެންވެސް އެ ގަނެވޭ ވަރަށް ފައިސާ ލިބިއްޖެ. ހިންގުންތެރި އަކު ނެތީ . ކީއްކުރާނީ .

 4. ލުބްނާ

  އެމެރިކާގެ އެހީދެއްތޯ އެއީ މިހާރު ޝައުގުވެރިކަން މިހާރުހުރީ ދުނީޔޭގެ ބާރުވެރިކަން ގެއްލިދާނެތީވެ ހިފެހެއްޓުމުގައި، އެކިގައުމުތަކުގެ ތާއިދު ހޯދުމަށް. އެމެރިކާއެކީ މުސްލިމުންނަށް ހެޔޮއެދޭބަޔެއްނޫން އެއީ ޒައިނިސްޓުންގެ ނުފޫޒުން ފުރިފަިއިވާ ބަޔެއް މިސަރަހައްދުގެ އެމެރިކާގެ ބައިވެރިޔަކީ އިންޑިއާ. މިހާރު އަހަރުމެންގެވެސް ގިނަމީހުންތިބީ އެމެރިކާޔޭ ބުންޏަސް އެހީޔޭބުންޏަސް އެއީ ކޮންބަޔެއްކަން ކިހިނެޔވާކަމެއްކަން ރަނގަޅަށް އިގޭވަރަށް ރޯފިލާފައިވަނީ.

 5. ޖާނޫ

  ޝުކުރިއްޔާ އެ މެރިކާ! ވީ ލަވްޔޫ ބައިޑެން