ކެނެޑާއިން ވެސް ރާއްޖެއަށް ކޮވިޑް-19 ވެކްސިން ހަދިޔާ ކުރަން ނިންމައިފިއެވެ.

ކެނެޑާއިން ސްރީލަންކާއަށާއި ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ހައި ކޮމިޝަނަރު ޑޭވިޑް މެކިނޮން ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ކޮވިޑް-19 އާ ދެކޮޅަށް ގައުމުތަކުން ކުރާ މަސައްކަތްތަކަށް އެހީވުމަށް ކެނެޑާ އިން ހިންގާ ޕްރޮގްރާމްގައި، ވެކްސިން ފޮނުވާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމަނާފައިވާ ކަމަށެވެ.

އެޓުވިޓުގައި އޭނާ ވިދާޅުވީ، ރާއްޖެއަށް ވެކްސިން ފޯރުކޮށްދެނީ ޑަބްލިއުއެޗްއޯ އިން އެކުލަވައިލައިފައިވާ ކޮވެކްސް ފެސިލިޓީގެ ދަށުން ކަމަށެވެ.

އޭނާ ވިދާޅުވީ، ކެނެޑާއިން ކޯވެކްސް ފެސިލިޓީއަށް 220 މިލިއަން ކެނޭޑިއަން ޑޮލަރު ވެކްސިން ގަތުމަށް ހަދިޔާކޮށްފައިވާކަމަށާއި ކެނެޑާއިން ފޯރުކޮށްދިން އެހީއިން ރާއްޖެއަށާއި ސްރީލަންކާއަށް ވެކްސިން ލިބޭނެ ކަމަށެވެ. އަދި އެކަމަށް އޭނާ އުފާ ކުރާ ކަމަށް ވަނީ ބުނެފައެވެ.

ކެނެޑާއިން ރާއްޖެއަށް ކޮވިޑް-19ގެ ވެކްސިން ފޯރުކޮށްދިނުމަށް ނިންމާފައިވާއިރު، އެގައުމުން ފޯރުކޮށްދޭން ނިންމާފައިވަނީ ކޮންކަހަލަ ވެކްސިނެއް ކަމެއް އަދި ސާފުވެފައެއް ނުވެއެވެ.

އެހެން ނަމަވެސް މިވަގުތު ރާއްޖޭގައި ބޭނުން ކުރުމަށް ހުއްދަ ދީފައިވަނީ ފައިޒާ ވެކްސިން، އެސްޓްރާޒެނެކާގެ ކޮވިޝީލްޑް ވެކްސިން، ޗައިނާގެ ސިނޮފާމް ވެކްސިން އަދި ރަޝިޔާގެ ސްޕަޓްނިކް ވީ ވެކްސިން ކަން ފާހަގަ ކޮށްލެވެއެވެ.

ކޯވެކްސް ފެސިލިޓީއަކީ އަވަސް ގޮތެއްގައި ކޮވިޑް-19 ވެކްސިން ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގެ ހުރިހާ ގައުމަކަށް އެއް ހަމައެއްގައި ފޯރުކޮށްދީ، ކޮވިޑް-19 އާއި ގުޅޭ އެހެން ސިއްހީ ސާމާނުވެސް ފޯރުކޮށްދިނުމަށް ގަވީ ވެކްސިން އެލަޔެންސްގެ ދަށުން އުފެއްދި ޕްރޮގްރާމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފާރޫޤް ޖަމީލް

    މިކުޑަ ކުޑަ ޤައުމު ވާންޖެހޭނީ ދުނިޔޭގެ ހުރިހާ ޤައުމުތަކާ ދެމެހެއްޓެނިވި ޚާރިޖީ ސިޔާސަތެއްގެ ދަށުން ގުޅުން ބާއްވާ ޤައުމަކަށެވެ. އެއްވެސް ބައެއްގެ މުށުގެ ތެރެއަށް އިޤްތިސާދީ ގޮތުންވެސް އަދި ދާޚިލީ ކަންތައްތައް ބައްޓަން ކުރުމުގާވެސް ނުވެއްޓޭނެ ބަޔަކަށެވެ. ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ޢަމަލް ކުރާބަޔަކަށެވެ. އެހެންގޮތަކަށް ޢަމަލުތައް ބެހެއްޓިއްޖެ ކަމަށް ވަންޏާ ޤައުމު ދަރަނިވެރިވެ ޤައުމުގެ ބިންތައް އެހެން ޤައުމުގެ ބާރުވެރިކަމުގާ އެމީހުނަށް ނަފާވާގޮތަށް ދިޔުމަކީ ގާތްކަމެކެވެ. މިއީ ދުނިޔޭގެ ތާރީޚުން ފެންނަން އޮތް ހޤީގަތެކެވެ.