ކޮވިޑް-19 ފެތުރެމުން ދާތީ ހއ.ދިއްދޫއަށް އަރައި ފޭބުން މަނާކޮށް އެރަށަށް މޮނިޓަރިންގެ ހާލަތައް ގެނައިތާ ގިނަ ދުވަސްތަކެއް ފަހުން މޮނިޓަރިން އުވާލައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ދިއްދޫގެ މޮނިޓަރިން އުވާލީ މިރޭ 00:00 އިން ފެށިގެންނެވެ.

ދިއްދޫގެ މޮނިޓަރިން އުވާލާފައި މިވަނީ މޮނިޓަރިން އިއުލާން ކުރިތާ އެއްމަހާއި ފަސް ދުވަސް ފަހުންނެވެ.

ދިއްދޫގައި ކޮވިޑް ފެތުރި 130 އަސް ވުރެ ގިނަ މީހުން އެރަށުން ފައްސިވިއެވެ. ދިއްދޫގެ ހާލަތު ގޯސްވުމުން އެރަށުގައި ކާފިއު ވެސް ހިންގާފައި ވެއެވެ.

ދިއްދޫގެ މޮނިޓަރިން އުވާލީ އެރަށުން ވަކި ތަރުތީބެއް ނެތި ނެގި ސުންކުތައް ކޮވިޑް-19 އަށް ނައްސިވުމުންނެވެ. ކޮންމެ ރަށެއްގެ ވެސް މޮނިޓަރިން އުވާލަނީ ވަކި ތަރުތީބެއްނެތި ނަގާ ސުންކުތައް ކޮވިޑް-19 އަށް ނައްސިވުމުންނެވެ.

އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމަށް ފަހު މިހާރު އަންނަނީ ރަނގަޅު ވަމުންނެވެ. މަދު ރަށެއްގައި ފިޔަވައި މިހާރު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ ދުވަހުން ދުވަހަށް މަދުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު