ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގުގައި ހައްޔަރުކުރި ތިން މީހުންގެ ބަންދާއި މެދު ގޮތެއް ނިންމަން މިރޭ ބޭއްވި އަޑުއެހުން ސިއްރުކޮށްގެން ކުރިއަށް ގެންގޮސް ތިން މީހުންގެ ބަންދަށް އަނެއްކާވެސް 15 ދުވަސް އިތުރުކޮށްފިއެވެ.

ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން ފުރަތަމަ ހައްޔަރު ކުރި ތިން މީހުން ކަމަށްވާ މުޖާޒް އަހުމަދާއި ތަހުމީން އަހުމަދާއި އަހުމަދު އަދުހަމް ރަޝީދުގެ ބަންދުގެ މުއްދަތު މިރޭ ވަނީ އިތުރު ކޮށްފައެވެ. މިއީ އެމީހުންގެ ބަންދުގެ މުއްދަތު އިތުރުކުރި ތިން ވަނަ ފަހަރެވެ. މީގެ ކުރިން ވެސް ކޮންމެ ފަހަރަކު ބަންދަށް 15 ދުވަސް ދީފައި ވެއެވެ.

ކްރިމިނަލް ކޯޓުން ވިދާޅުވީ ތިން މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމުގެ މަޖިލިސް ސިއްރުކޮށްގެން ކުރިއަށް ގެންދިޔައީ ގާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ނ) އަށް ރިއާޔަތްކޮށް ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކުރިއަށް ގެންގޮސްދިނުމަށް ފުލުހުންގެ ފަރާތުން ކުރިމިނަލް ކޯޓުގައި އެދުމުންނެވެ.

ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ނ) ގައި ބުނެފައި އޮންނަނީ މުޖްތަމައުގެ އަހްލާގީ އުސޫލުތައް ހިފެހެއްޓުން، ނުވަތަ މުޖްތަމައުގެ އަމަންއަމާންކަން ގާއިމްކުރުން، ނުވަތަ ގައުމީ ސަލާމަތަށް ބުރޫއެރިޔަ ނުދިނުމަށްޓަކައި އަޑުއެހުންތައް ސިއްރުކޮށްގެން ކުރިއަށް ގެންދެވިދާނެ ކަމަށެވެ.

ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ މިއަދު ބަންދުގެ މުއްދަތު އިތުރުކުރި ތިން މީހުންގެ އިތުރުން ފާތިހް މުހައްމަދު އެވެ.

މިއަދު އޮތް ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވިދާޅުވީ ނަޝީދަށް ދިން ހަމަލާއާ ގުޅިގެން 150 އަށް ވުރެ ގިނަ ފަރާތްތަކުން ތަހުގީގަށް މައުލޫމާތު ހޯދާފައިވާ ކަމަށާއި 25 އަށް ވުރެ ގިނަ ތަންތަން ބަލައި ފާސްކުރެވިފައިވާ ކަމަށެވެ. ނަޝީދަށް ދިން ހަމަލައާ ހަރުކަށި ފިކުރާ ދެކޮޅަށް ހިންގަމުން އަންނަ އޮޕަރޭޝަންގެ ދަށުން 14 މީހެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާައަހުމަދު

    ކިތަށް އަހަރު ނަގާނެބާ ތި ތަހުގީގު ނިންމަން؟

  2. އަހޭމަދޭ

    ޔޭ ކަހާކާ އިންސާހޭ ބައްޔާ 45 އަހަރުވަންދެން މުއްދަތު ޖަހާލަޖަަހަާލާ