ސާދަ މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ދައުލަތުން 42 ދައުވާ އުފުލާފައިވާ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ވ. ތިނަދޫ، ރެޑް ހައުސިން، އަޙްމަދު މޫސާ މުޙައްމަދު (އައްމަޓީ) ގެ ބަންދަށް އިތުރު އަށް ދުވަސް ޖަހައިފިއެވެ.

އައްމަޓީގެ ބަންދަށް ކްރިމިނަލް ކޯޓުން ކުރިން ދިން އަށް ދުވަހުގެ މުއްދަތު ހަމަވެފައިވާތީ، މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ ޝަރީއަތް ނިމެންދެން އައްމަޓީ ބަންދުގައި ބެހެއްޓުމަށް އެދިފައެވެ. އެކަމަކު ގާޒީ ނިންމެވީ އިތުރު ހަތް ދުވަހުގެ މުއްދަތެއް ބަންދަށް ދިނުމަށެވެ.

މިއަދުގެ އަޑުއެހުމުގައި އައްމަޓީއަށް ދިން ފުރުސަތުގައި އޭނާ އެދުނީ ކަސްޓޯޑިއަލް ޖަލަކުން ރިމާންޑް ޖަލަކަށް ބަދަލު ކުރުމަށެވެ. އެ ކަމަށް ދައުލަތުން އިންކާރު ކޮށްފައެއް ނުވެއެވެ. އެހެންވެ ރިމާންޑް ޖަލަކަށް ބަދަލު ކޮށްދޭން ވެސް ގާޒީ އެންގެވިއެވެ.

އައްމަޓީގެ މައްޗަށް މިހާ ގިނަ ދައުވާތަކެއް އުފުލީ ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް، ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި ފްލެޓްތައް ނާޅައި މީހުންގެ އަތުން ފައިސާ ނަގައި އަދި އެ ފައިސާ އަށް ހިޔާނަތްތެރިވި މައްސަލައިގައެވެ.

އަައްމަޓީގެ މައްޗަށް އުފުލާފައި 42 ދައުވާއަކީ ވެސް ގާނޫނުލްއުގޫބާތުގެ އެކި މާއްދާތަކަށް ހަވާލާދީ އޭގެ ދަށުން ދަށުން، އުފުލާފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާތަކެވެ. މި ދައުވާތައް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު