ކޮވިޑް-19 ޖެހިގެން މިއަދު ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް ޖެހިގެން ނިޔާވެފައި ވަނީ 84 އަހަރުގެ އަންހެނެކެވެ.

ކޮވިޑް ޖެހިގެން ނިޔާވި މީހާއަށް ފަރުވާ ދެމުން ގެންދިޔައީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައެވެ. އެޗްޕީއޭ އިން ވިދާޅުވީ އޭނާ ނިޔާވީ މިއަދު ހެނދުނު 09:55 ގައި ކަމަށެވެ.

ރާއްޖެ އިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 193 އަށް އަރާފައެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން އައި ނަމަވެސް ކޮވިޑް ޖެހިގެން އަދިވެސް ގިނަ ބަޔަކު އަންނަނީ ނިޔާވަމުންނެވެ. މިމަހުގެ އެވްރެޖަށް ބަލާއިރު ވެސް ދުވާލަކު ދެމީހުން އަންނަނީ ކޮވިޑް ޖެހިގެން ނިޔާވަމުންނެވެ.

އިއްޔެ އިރުއޮއްސުމާއި ހަމައަށް ކޮވިޑް ބަލި މީހުންގެ އަދަދު ވަނީ 13071 އަށް މަދުވެފައެވެ. އިއްޔެ އަކީ ކޮވިޑް ބަލި މީހުންގެ އަދަދު މެއި މަހުގެ 12 ވަނަ ދުވަހަށް ފަހު އެންމެ މަދުވި ދުވަހެވެ. ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން އިއްޔެ އާއި ހަމައަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ތިބީ 111 މީހުންނެވެ. އިއްޔެ އޭޕްރީލް މަހުގެ 24 ވަނަ ދުވަހަށް ފަހު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ތިބި މީހުންގެ އަދަދު އެންމެ މަދުވި ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު