ސަރުކާރު ހިންގުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިކޮށް "ބައްސާ" ހަދަން ނުޖެހޭ ކަމަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރު އަދި މަޖިލިހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެއްކައިރިކޮށް ސަރުކާރު ހިންގަމުންދާ ކަމަށް ވާހަކަ ދެކެވޭ ދަނޑިވަޅެއްގައެވެ.

އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރު ޒިންމާދާރުކޮށް ޖަވާބުދާރީ ކުރުވަން އޮންނަ މަޖިލީހުގެ މެންބަރުން ސަރުކާރު ހިންގުމުގައި ބައިވެރިނުކޮށް ޝަކުވާ ކުރުމަކީ ދެރަވަރު ކަމެއް ކަމަށެވެ.

"ސަރުކާރު ހިންގުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިކޮށް ބައްސާ ހަދާކަށް ނުޖެހޭ." އަލީ ހުސެއިން ވިދާޅުވިއެވެ.

އަލީ ހުސައިން ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ބޭފުޅަކު އިންތިޚާބު ވީމަ، އެ ބޭފުޅަކީ ވަކި ޕާޓީއެއްގެ ރައީސެއް ނޫން ކަމަށާއި އެއީ ހުރިހާ ދިވެހި ރައްޔިތުންގެ ރައީސް ކަމަށެވެ.

"ހުރިހާ ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކައި މަސައްކަތް ކުރަން ނޫން ގޮތެއް ރައީސުލްޖުމްހޫރިއްޔާއަށް ހައްގު ވެގެން ނުވޭ،" ގާނޫނީ ވަކީލު ކަން ވެސް ކުރައްވާ އަލީ ހުސައިން ލިޔުއްވާފައިވެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުންތައް އޮތް އިރު އެމްޑީޕީ ދެބައިވެފައިވާ ކަމަށް އެއްބަސްވެވަޑައިގެން އެ ޕާޓީގެ އިސް ބޭފުޅުން މިހާރު ވަނީ ވާހަކަ ދައްކަވަން ފައްޓަވައިފައެވެ.

އެންމެ ފަހުން އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވި ގޮތުގައި ސަރުކާރާއި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާ ގުޅުން އޮތީ ހީނަރުވެފައެވެ. އަދި އެމްޑީޕީގެ ވައުދުތައް ފުއްދަން ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް ހަސަން ވިދާޅުވެއެވެ.

އެމްޑީޕީގެ އެތެރޭގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެގެން އައިސްފައި މިވަނީ، މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދުގެ ސެކުއިރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް މަޖިލީހުގައި ހިންގަމުންދާ އިންކުއަރީއަކަށް ވަކިވަކި ސިފައިން ހާޒިރު ކުރަން ސަރުކާރުން ދެކޮޅު ހެދި ހިސާބުންނެވެ. އެކަމަށް ހުރަސް އަޅުއްވަނީ ސީދާ ރައީސް ސޯލިހް ކަމަށް ނަޝީދު ވަނީ ތުހުމަތު ކުރައްވައިފައެވެ.

ނަމަވެސް އެ ތުހުމަތުތައް ރައީސް ސޯލިހް ދާދި ފަހުން ވަނީ ދޮގު ކުރައްވައިފައެވެ.

މިހާރު ވަކިވަކި ސިފައިން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އަށް ހާޒިރު ކުރަން ފެށި ނަމަވެސް، ރައީސް ނަޝީދު ކުރަން ބޭނުންފުޅުވާ އެހެން ބައެއް ކަންކަން މަޖިލީހުގެ ތެރެއިން ނުދިއުމުގެ ސަބަބުން އެމަނިކުފާނުގެ ސަޕޯޓަރުން އަންނަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ.

ރައީސް ސޯލިހްއާއި އެމަނިކުފާނު އަންގަވައިގެން މަޖިލީހުގައި އެކި ކަންކަމުގައި މެންބަރުންނަށް ލޮބީ ކުރައްވަމުން ގެންދެވި އެމަނިކުފާނުގެ ޅިޔަނު އަދި އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ގެ ދިފާއުގައި ވެސް އެމްޑީޕީގެ ބައެއް ސަޕޯޓަރުން ދަނީ ވާހަކަ ދައްކަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ތިޔަ މަޖިލީހުން ގައުމައް ފައިދާއައްވުރެ ބޮޑައްވަނީ ގެއްލުންކަން ފާހަގަ ކުރެވެނީ ، ދެން އަވަހައް ކުޑަ ގޮޅިޔައްލާ ހަރުކަށި ފިކުރޭ ނަފުރަތު އުފައްދަނީއޭ ކިޔާފަ.

    38
    • ބުއްޅަހޮއްކޮ

      ޑި މޮކުރެސީ އައްޕަ އޭ ކިހާ މީހާއަށް ތި ގެޓެއް ނުވެއޭ.. ޑިނޮކުރެސީ އަކީ 3 ބާރު ވަކިވެފަ އޮންނަ ނިޒާމެއް އަދި ވެރިކަމުގަ އޮންނަ ޕާޓީގެ މެޖޯރިޓީ ސަރުކާރުގަ އޮތަސް.. އެކަމަކު ރީނދޫ ބުއްޅަހޮއްކޮ ބޭނުންވަނީ ހުރިހާބާރެއް މުށުތެރެއަށް ލާ ފިތާލަން ތަޙްޤީޤުވެސް މަޖިލީހުން ކުރަބް ވެރިކަން ވެސް އެތަނުން ހިންގަން

      34
  2. ތިރިބެ

    އަލީވެސް މީހަކު އެޗެއް ބުނާއިރައް ހާދަތެޅިގަނެއޭ ވެރިކަންކުރާ މައިޕާޓީގެ ރައިސް އާއި އެޕާޓީ ބައިވެރި ނުކުރާވާހަކަ ބުނީ ދެއް ތިބި ޕާޓީތައް ބުނާގޮތައް ބައިއަޅައިގެން ކުރާވާހަކަ މަޖިލިސްބައިވެރިކުރާވާހައެނޫ ގާސިމު ޖީބުގައޮތީމަ އެތިކޮޅުކޮޅުދޭތި ކިތައްވެ ރަށެއްދިނަސް ހައްޕް

    2
    2
  3. ޖަޒީރާ އެލެކުސް

    އަލީ ހުސޭނެވެ . ސަރުކާރު ހިންގުމުގައި މަޖްލިސް ބައިވެރިކުރަނީކީ ނޫނެވެ. ހަގީގަތަކީ މަޖުލީހުން ސަރުކާރު ހިންގަމުން މިއަންނަނީ. ބޮޑަށް އެހެން ވަނީ ރައީސްގެ ބޮސްއަކީ މަޖްލިސް ރައީސެވެ. އަަދި ރައީސް ސާލިހަކީ ވެރިކަމަށް ކުފޫ ހަމަވާ ވަރަށް ވުރެން ހުރިހާ ގޮތަކުންވެސް މާ ބަލިކަަށި އަދި ވިސްނުން ވެސް ކޮށި މީހަކަށް ވާތީ އޭނާއަކަށް ވެސް ނެތް އަންނި ބުނާ ގޮތައް ވެރިކަން ކުރުން ނޫން ގޮތެއް. އަންނިއާ އިބޫއާ އެއްބަސް ނުވާ ތަންކޮޅަކީ ދައުރު ހަމަނުކޮށް އިބޫ ވެރިކަން ދޫކުރުން . އެކަންވެސް ހިފެހެއްޓެނީ ސިއްކައަށް އެމްޑީޕީ އޮންނަ ކޮންޓްރޯލެއްގެ ސަބަބުން.

    8
    1
  4. އަބްދޫ

    މަޖިލީހުގާ ހަދާފަ ހުރި ދާއިމީކޮމިޓީތަކަކީ ސަރުކާރަށް ދަތި ކުރަންހެދިފާހުންނަތަންތަން.ސަރުކާރެއް އުފައދަނީ ރައީސް މިނިސްތަރުންއައްޔަން ކުރަނީ ރައީސް. މިނިސްޓަރަށް މިނިސްޓްރީ ނުހިންގޭނަމަ ވަކިކޮށް އައު މިނިސްޓަރަކު ލައްވާނީ ވެސް ރައީސް. މަޖިލީހަކީ ގާނޫނު ހަދާ ތަން. ގާނޫނު ތަންފިޒު ކުރާފަރާތަކީ ސަރުކާރު. ކެބިނެޓް ވަޒީރުން. އޮފީސްތަކުގެ މުވައްޒަފުން. މިހާރު މިގައުމަށް ދިމާވެގެން މިއުޅެނީ މުޅިއޮޑީގަ ހަސަނުގެ ދެފައޭ ބުނާހެން މަޖިލީހުގެ އަޅުންނަށް ދަވްލަތުގެ މުވައްޒަފުންނާ ސަރުކާރާއި ރައްޔިތުން ހަދައިގެން މަޖިލީހުގެ މަެމްބަރުން އުޅެންފެށުން. ސަރުކާރަށް ގައުމު ހިންގަން ދަތިވެއްޖެ. ދެއިރު ދެދަލަޔަށް މިނިސްޓަރުނ މަިޖިލީހަށް އޮފީސްތަކު މުވައްޒަފުން މަޖިލީހަށް. މިއި ރިޔާސީ ނިޒާމެއްގަ މިކަންއޮންނަގޮތެއްނޫން. ސިޔާސީ ވެރިން ނާއި މިނިވަން މުވައްސަސާތައް.ޖަވަބުދާރީކުރާނީ ސަރުކާރުން ރައިސް އާއި ކެބިނެޓުން .މިނިވަން މުވައްސަސާތަކުގެ މުވައްޒަފުން ޖަވާބުދާރީ ކުރާނީ އެ މުވައްސަސާއަކުން. މަޖިލީހަކުންނޫން މަޖިލީހުން ބަލަންޖެހޭނީ ހެދިފައިހުރި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލު ތަކާއި ރާއްޖެ އަށް ފައިދައާއި މަންފަ ހުރިގޮތަށްގާނޫނު ހެދުމަށް. ދުނިޔޭގެ އެންމެ ބޮޑަށް ކުރިއަރާފަ ހުރި ގައުމުތަކުގެ ހުންނަ ހުރިހާގާނޫނު ހެދުމަކީ ދިވެހިގައުމުފަދަ 3 ވަނަދުނިޔޭގެ ގައުމަކަށް ތަރައްގީއަށް ހުރަސްއެޅޭކަމެއް.