ކޮވިޑް-19 ޖެހިގެން ހާލު ދެރަވި މާބަނޑު މީހެއްގެ ބަނޑުގައި އޮތް ދަރިފުޅު ނަގައިފިއެވެ.

ވިލިމާލޭގައި ދިރިއުޅެމުން އަންނަ އުމުރުން 31 އަހަރުގެ ބަންގްލަދޭޝްއަށް ނިސްބަތްވާ ސަހާނާގެ ބަނޑުން ދަރިފުޅު ނަގާފައިވަނީ ބަނޑަށް ހަތް މަހުގައެވެ.

އޭނާ އެންމެ ފުރަތަމަ ކޮވިޑް-19 އަށް ފައްސިވެފައިވަނީ މިދިޔަ ރޯދަ މަހުގެ 6 ރޯދައިގެ ތެރޭގައެވެ. އޭގެ ފަހުން ހާލަތު ގޯސްވަމުން އައިސް މިހާރު އޭނާއަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައެވެ.

އެނގިފައިވާގޮތުން އޭނާ ވަނީ ކޮވިޑުން ރަނގަޅުވެފައެވެ. އެހެން ނަމަވެސް އޭނާގެ ހާލު ކްރިޓިކަލް އެވެ.

މައުލޫމާތު ލިބޭގޮތުގައި، އޭނާގެ ބަނޑުގައި އޮތް ދަރިފުޅު ނަގާފައި ވަނީ މީގެ ދެ ހަފްތާ ކުރިންނެވެ. އެ ކުއްޖާއަށް ފަރުވާ ދެމުން ދަނީ އެންއައިސީޔޫގައެވެ.

ކޮވިޑް-19 ގައި ހާލު ދެރަވި މާބަނޑު މީހެއްގެ ދަރިފުޅު ބަނޑުން ނަގާފައިވާއިރު، މި ބަލީގައި ހާލު ސީރިއަސްވި ޒުވާން ދިވެހި އަންހެނަކު އިއްޔެގެ ވަގުތެއްގައި ވަނީ ނިޔާވެފައެވެ. އޭނާ ނިޔާވެފައި ވަނީ ބަނޑަށް އަށް މަހުގައި ކޮވިޑަށް ފައްސިވެ، ދަރުމަވަންތަ ހޮސްޕިޓަލްގައި ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު