ދިރާސީ އާ އަހަރު ފެށެންވާއިރަށް ދަރިވަރުންނަށް ލުއިތަކެއް ހޯދައިދޭން ނ. ކުޑަފަރީ ކައުންސިލުން ދެ ސްކީމެއް ތައާރަފް ކޮށްފިއެވެ.

ދަރިވަރުންނަށް ހާއްސަކުރި މައިކްރޯ ފައިނޭންސިން ދެ ސްކީމަކީ"ބައިކް ޓު ސްކޫލް" އާއި "އުފަލުން ސްކޫލް" އެވެ.

"ބައިކް ޓު ސްކޫލް" ސްކީމުގެ ދަށުން ކޮންމެ ދަރިވަރަކަށް ކައުންސިލުން ބައިސްކަލެއް ހަމަޖައްސައި ދޭނެއެވެ.

ރާއްޖޭގެ އެހެން ރަށްރަށާއި އަޅައި ބަލާއިރު ކުޑަފަރީ އަކީ ސައިކަލް މަދުވެފައި، ބައިސްކަލް ގިނަ ރަށެކެވެ. ތިމާވެއްޓަން ހޭލުންތެރި ރައްޔިތަކު އުޅޭ ކުޑަފަރީން ބޭނުންވަނީ "އައިލެންޑް ލައިފް" ދަމަހައްޓާށެވެ. ސައިލަކަށްވުރެ ބައިސްކަލް ރަށުގައި ގިނަ ކުރުމެވެ.

ކުޑަފަރީ ކައުންސިލްގެ ރައީސް ޝަމީމް މުހައްމަދު "ވަގުތު" އަށް ވިދާޅުވީ، ދަރިވަރުންނަށް ބައިސްކަލް ހަމަޖެއްސުމާއި ގުޅޭ ގޮތުން މީގެ ކުރިންވެސް ކައުންސިލުން އެކި ފަރާތްތަކާއި ބައްދަލުކޮށް މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ. އެ ރަށު ސްކޫލުގައި މި ވަގުތު 165 ދަރިވަރަކު ދަނީ ތައުލީމް ހާސިލްކުރަމުންނެވެ.

ބައިސަލްތަކަށް ފައިނޭންސް ހަމަޖައްސާނެ ބަޔަކު ނުވިޔަސް ކައުންސިލްގެ އަމިއްލަ ހަރަދުގައިވެސް ބައިސްކަލްތައް ގަތުމަށް ހަމަޖެހިފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

"އެއްވެސް ފަރާތަކުން ނުކުރެވުނަސް ކައުންސިލްގެ އަމިއްލަ ފަންޑުގައިވެސް މިކަން ކުރަން ނިންމާފައި އޮތީ" ޝަމީމް ވިދާޅުވިއެވެ.

އެކަމަކު މި ހަފްތާ ތެރޭގައި ފައިސާ ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ދިނުމަށް ހަމަޖެހިފައިވަނީ 89 ބައިސްކަލް ކަމަށް ކައުންސިލުން ވަނީ ލަފާކޮށްފައެވެ. ޝަމީމް ވިދާޅުވީ ގޮތުގައި ބައިކް ސްކީމަށް ދައްކަން ޖެހޭނީ ކޮންމެ މަހަކު 150 ރުފިޔާއެވެ.

"މި ސްކީމް ހިންގާނީ ކައުންސިލުން. ސްކީމް ފެއްޓުމަށްފަހު ދެން އަންނަ ދައުރެއްގެ ކައުންސިލުންވެސް ކޮންޓްރިބިއުޓްކުރާނެ" ދާދި ފަހުން އެމްޑީޕީ ޓިކެޓްގައި ކުޑަފަރީ ކައުންސިލަށް އިންތިހާބުވެވަޑައިގެންނެވި ޝަމީމް ވިދާޅުވިއެވެ.

ރަށުގެ ތިމާވެށި އޮތް ގޮތުގައި ބެހެއްޓުމަށްޓަކައި ކައުންސިލުން އުއްމީދު ކުރަނީ ސްކޫލު ނިންމުމަށް ފަހުވެސް ދަރިވަރުން ސައިކަލަށްވުރެ ބޮޑަށް ބައިސްކަލް އިހްތިޔާރު ކުރުމުވެ.

ޝަމީމް ވިދާޅުވީ "އުފަލުން ސްކޫލް" ސްކީމްގެ އަކީ ސްކޫލުގެ ދަރިވަރުންނަށް ބޫޓާއި ޔުނީފޯމް ހޯދައިދޭ ސްކީމެއް ކަމަށެވެ. ސަރުކާރުން ދަރިވަރުންނަށް ހިލޭ ފޯރުކޮށްދެނީ ފޮތާއި ފަންސުރު ފަދަ ތަކެއްޗެވެ.

މި ސްކީމަކީ ކޮވިޑް-19 ގެ ދަނޑިވަޅުގައި އެ ތަކެތި ގަތުމުގެ މާލީ ތަނަވަސްކަން ނެތުމުން ކައުންސިލުން ހިންގަން ނިންމި ސްކީމެކެވެ. އެ ސްކީމަށް ބޭނުންވާ ފައިސާވެސް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަން ރިޒޯލްވްޑް

    ބައިސިކަލަށް މަހަކު 150 ކިހިނެެއް އަހަރެމެން ތިދައްކާނީ،

  2. ދަރަނި ދަންތުރަ

    ބައިކު ޓު ސްކޫލް ، އައިލޭންޑު ލައިފު މި ލަފުޒުތަށް ދިވެހި ބަހުން ބަޔާންކޮށްލަން ކައުންސިލަރުންނަން ނޭންގުނީބާ ، ތިޔަރަށުގައި ދިވެހިންނާ އެއްވަރަށް އިނގެރޭސިން ވެސް އުޅެނީބާ