ސަން ކެއާގެ ދީލަތި އެހީތެރިކަމާއެކު މުޅި ނ.އަތޮޅަށް ހުޅުވާލައިގެން އެ އަތޮޅު ކުޑަފަރީގައި ކުރިޔަށް ގެންދާ "ސަން ސިޔާމް ކުޑަފަރީ ފުޓްސަލް ޗެލެންޖު 2022" ފަށައިފިއެވެ.

މިއަދު ހަވީރު ކުޑަފަރީގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި "ސަން ސިޔާމް ކުޑަފަރީ ފުޓްސަލް ޗެލެންޖު 2022" ފައްޓަވައިދެއްވާފައިވަނީ ސަން ކެއާގެ ޗެއާމަން، މީދޫ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދެވެ.

ޖުމުލަ 24 ޓީމު ބައިވެރިވެފައިވާ މި މުބާރާތް ކުރިޔަށް ގެންދަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ، ފިރިހެނުންގެ ބައިން ހަތް ޓީމު، އަންހެނުންނަށް ހާއްސަ ބައިން 12 ޓީމު އަދި 16 އަހަރުން ދަށުގެ ކުޑަކުދިންގެ ބައިން 5 ޓީމެވެ. މި މުބާރާތުގައި ނ. އަތޮޅުގެ ހުރިހާ ރަށަކުން ޓީމުތައް ވަނީ ބައިވެރިވެފައެވެ.

ސަން ސިޔާމް ކުޑަފަރި ފުޓްސެލް ޗެލެންޖް 2022 ފެށުން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މި މުބާރާތް ފެށުމަށް ކުޑަފަރީގައި މިއަދު ހަވީރު އޮތް ރަސްމިއްޔާތުގެ ސިޔާމްގެ އިތުރުން އެމްޑީއޭގެ އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ..

މުބާރާތް ޝަރަފްވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުން ސިޔާމް ވަނީ ގައުމުގެ ކުރިމަގަށްޓަކައި ޒުވާނުންނަށް ކުޅިވަރުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައިފައެވެ. މިގޮތުން ކުރިޔަށް އޮތްތަނުގައި ވެސް މިފަދަ މުބާތާތްތައް ހިންގުމަށްޓަކައި ކަންކަން ރާވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

"ފުޓުބޯޅައަކީ، ޒުވާނުންނަށް އަދި މުޅި ގައުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ފަތުރަން ބޭނުންވާ އެއްޗެއް. ސަބަބަކަށް ވަނީ، އަޅުގަނޑުމެންނަކީ ކުޅިވަރު ކުޅޭ، އަދި ވަގުތު ހެޔޮ ގޮތުގައި ބޭނުން ކުރާ ބައެއް ކަމުގައި ވުން" ސިޔާމް ވިދާޅުވިއެވެ.

އަދި ނިސްބަތުން ބަލާއިރު ރާއްޖޭގައި ފުޓްސަލް ދަނޑު ގިނަކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ ދަނޑު ކިތަންމެ ގިނަ ނަމަވެސް އެންމެ އެކަށިގެންވާ ގޮތުގައި މުބާރަތްތައް ބޭއްވިގެން ނުދާ ކަމަށެވެ.

ސަން ސިޔާމް ކުޑަފަރި ފުޓްސެލް ޗެލެންޖް 2022 ފެށުން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"މި އަތޮޅަށް ބަލާލާއިރުގައި ވެސް މިދިޔަ ތިން އަހަރު، އެއްވެސް މުބަރާތެއް ބޭއްވިގެން ގޮސްފައި ނުވާކަމީ މި އަތޮޅުގެ ކުދިބޮޑު އެންމެހާ ރައްޔިތުން ވަރަށް ބޮޑަށް ހިތާމަކުރާ ކަމެއް." ސިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން، ކުރިޔަށް އޮތް ތަނުގައި ވެސް މިފަދަ ކަންކަން ނ. އަތޮޅުގައި ކުރިޔަށް ގެންދިއުމަށް ރާވާފައިވާ ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ. އަދި ކުރިޔަށް އޮތް ތަނުގައި މުޅި އަތޮޅަށް ހުޅުވާލައިގެން ފުޓުބޯޅަ މުބާރާތެއް ބާއްވާނެކަން ވެސް އޭނާ ވަނީ އިއުލާނު ކުރައްވައިފައެވެ.

"ބޮޑު ފުޓްބޯޅަ ދަނޑުގައި ޓާފުއަޅައި ނިމުމާއެކު އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބޮޑު މުބާރާތެއް ބާއްވާނަން" ސިޔާމް ވިދާޅުވިއެވެ.

ހަމައެހެންމެ، އެ ރަސްމިއްޔާތުގައި ކުޑަފަރީ ކައުންސިލްގެ ފަރާތުން ވަނީ ވެދެއްވާ ދީލަތި އެހީތެރިކަމަށްޓަކައި ސިޔާމް އަށް އަތޮޅުގެ އެންމެހާ ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކޮށްފައެވެ.

ސަން ސިޔާމް ކުޑަފަރީ ފުޓްސަލް ޗެލެންޖު މިހާރު ފަށާފައިވާއިރު މިއަދު ހަވީރު ވަނީ ދެ މެޗެއް ކުޅެފައެވެ. ފޯރިއާއެކު ކުރިޔަށްދާ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އީދު ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާެޖދޖެކ

    ވަގުން ދިނީމަ ކާގެން ވަގައް ގޮވާ މޮޔަ ދިވެހީން!

  2. ނަނާ

    2023 ކައިރިވި ވަރަކަށް މިބާވަތުގެ ގިނަ ކަންކަން ހިނގާނެ އެއީ މުޖައްރިބު ކަމެއް.