ރާއްޖެ އިން އިތުރު 241 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ އިއްޔެ ފައްސިވި މީހުންނަށްވުރެ އިތުރު ވެފައެވެ. އިއްޔެ ފައްސިވީ 224 މީހުންނެވެ.

ނަމަވެސް މިއަދު މާލެ އިން ފައްސިވި މީހުންގެ އަދަދު އިއްޔެއަށްވުރެ މަދެވެ. މިއަދު މާލެ އިން ފައްސިވީ 90 މީހުންނެވެ. އިއްޔެ މާލެ އިން 111 މީހުން ފައްސިވިއެވެ.

މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 143 މީހުން ފައްސިވިއެވެ. އިއްޔެ އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ފައްސިވީ 105 މީހުންނެވެ.

މިއަދު ހިންގަމުންދާ ރިސޯޓްތަކުން ހަމީހުން އަދި ތަރައްގީ ކުރަމުންދާ ރިސޯޓްތަކުން ދެމީހުން ފައްސިވިއެވެ.

މިއަދު 4418 މީހުން ވަނީ ކޮވިޑަށް ޓެސްޓް ކޮށްފައެވެ. މިއަދު ޓެސްޓް ކުރި މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވެފައި ވަނީ %5 މީހުންނެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންނަށްވުރެ ކޮވިޑުން ރަނގަޅުވާ މީހުންގެ އަދަދު މިހާރު އަންނަނީ އިތުރުވަމުންނެވެ. ކޮވިޑް ޖެހިފައި މިހާރު ތިބީ 7747 މީހުންނެވެ. މިއަދަކީ މެއި މަހުގެ 06 ވަނަ ދުވަހަށް ފަހު އެކްޓިވް ކޭސްގެ އަދަދު އެންމެ ދަށަށް ދިޔަ ދުވަހެވެ.

ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 67 މީހުންނަށެވެ. މިއަދަކީ އޭޕްރީލް މަހުގެ 18 ވަނަ ދުވަހަށް ފަހު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު އެންމެ މަދުވި ދުވަހެވެ.

ކޮވިޑް ކޮންޓްރޯލް ކުރަން މާލޭގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ފާއިތުވި ދެހަފްތާ ދުވަހު ކޮވިޑަށް ފައްސިވި މީހުންގެ އަދަދު އަންނަނީ މަދުވަމުންނެވެ.