ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދިރިއުޅުއްވާ ގެކޮޅު ކުރިމަތީ ޕާކް ނުކުރެވޭ ގޮތަށް ނިޝާންތަކެއް ޖަހައިފިއެވެ.

ޔާމީން ދިރިއުޅުއްވާ ހ. ދޫވެހި ކައިރީގައި ޕާކު ކުރުން މަނާކޮށް ބޮޑުތަކުރުފާނު މަގާއި، ބުރެވިމަމުގެގައި ޕާކުކުރުން މަނާކަން އަންގައިދޭ ނިޝާނުތަކެއް މިހާރު ވަނީ ޖަހާފައެެވެ.

އެނގިފައިވާ ގޮތުން ދޫވެހި ކައިރީގައި ވެހިކަލް ޕާކް ކުރުން މަނާކުރީ ކަމާ ގުޅުންހުރި އިދާރާތަކުން އަންގައިގެން މާލެ ސިޓީ ކައުންސިލުންނެވެ.

މިކަމާ ގުޅިގެން ސުވާލު ކުރުމުން މާލެ ސިޓީ ކައުންސިލްގެ މެމްބަރު އަހްމަދު ނަރީޝް "ވަގުތު" އަށް ވިދާޅުވީ އެ ސަރަހައްދުގައި ޕާކް ނުކުރެވޭ ގޮތަށް ހެދީ ދޫވެހި ހުންނަ ސަރަހައްދަކީ ބައެއް ވަގުތުތަކުގައި ޓްރެފިކް ބާރު ބޮޑުވާ ސަރަހައްދަކަށް ވާތީ އެކަމުގައި ދިމާވާ މައްސަލަ ހައްލުކުރަން ކަމަށެވެ. ނަމަވެސް އެކަން ކުރި ސީދާ ސަބަބެއް ނަރީޝް ހާމަކުރައްވާފައި އެއް ނުވެއެވެ.

ރައީސް ޔާމީން ދިރުއުޅުއްވާ ގެކޮޅު ކުރިމަތީ ޕާކް ނުކުރެވޭ ގޮތަށް ހަދާފައިވާ އިރު، މިވަގުތު އެމަނިކުފާނު ހުންނެވީ ގެކޮޅުގައެވެ.

މާފުށީ ޖަލުގައި ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވުމާއި ގުޅިގެން ޔާމީން ގޭބަންދަށް ބަދަލުކޮށްފައި ވަނީ، ޖަލުގައި ހުންނަވާތާ 500 އަށްވުރެ ގިނަ ދުވަސް ވެފައިވަނިކޮށެވެ. އެމަނިކުފާނު ގޭބަންދަށް ބަދަލު ކުރީ މިދިޔަ ރޯ ދަމަހުގެ 17 ވަނަ ދުވަހުގެ ރޭގައެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ނޮވެމްބަރު 28، 2019 ގައެވެ. މި ހުކުމް ވަނީ ހައި ކޯޓުގައި ވެސް ދަމަހައްޓައިފައެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ މިހާރު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި އިތުރު ދެ ދައުވާއެއް ވެސް އެމަނިކުފާނުގެ މައްޗަށް އުފުލިފައިވާ އިރު، މި ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އެބަ ހިނގައެވެ. ބޮޑު ޚިޔާނާތުގެ މައްސަލައާ ގުޅިގެން ރައީސް ޔާމީން ގެންދަނީ ދޭތެރެ ދޭތެރެއިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށް ބަޔާން ނަގަމުންނެވެ. އިތުރު ދައުވާތަކެއް އުފުލުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ވެސް ވަނީ ފޮނުވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސެންޗޯ

    ރައީސް ޔާމިނު ކުރުމުތްދަތެއްގެ ތެރޭގައި ގައުމަށް ގެނެސް ދެއްވި ތަރައްގީގެ ކުރިއެރުމުގެ ސަބަބުން އަތްދަށުން ދޫވެގެން ދިޔަ ހުރިހާ ނުރަނގަޅު ކަން ތައްތައް މިހާރު ވަނީ ފޮހެވެގެން ގޮސްފައެވެ ހުރިހާ ގޮތަކުން ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ރައްކާތެރިކަން ލިބެންޖެހޭނެ