އދ. އަތޮޅުގެ ނައީބު ރައީސަކަށް އެއަތޮޅު ފެންފުށީ ކައުންސިލްގެ ރައީސް އަހުމަދު އަބްދުއް ޝުކޫރު އިންތިހާބު ވެއްޖެއެވެ.

އަބްދުއް ޝުކޫރު މި މަގާމަށް އިންތިހާބު ވެފައިވަނީ މި މަހުގެ 17 ވަނަ ދުވަހު ބޭއްވި އދ. އަތޮޅު ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ ހަތަރު ވަނަ ޖަލްސާގައި ދިގުރަށު ކައުންސިލްގެ ރައީސް އިބްރާހިމް އުސްމާނާއި މަންދޫ ކައުންސިލްގެ މުހައްމަދު ސައީދު އާއި ވާދަ ކުރައްވައި އެންމެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ.

އެގޮތުން އަހުމަދު ޝުކޫރު އަށް ފަސް ވޯޓު ލިބިފައިވާއިރު، އުސްމާނަށް ލިބިފައިވަނީ ހަތަރު ވޯޓެވެ. އަދި ސައީދު އަށް ލިބިފައިވަނީ ތިން ވޯޓެވެ.

އަހުމަދު އަބްދުއް ޝުކޫރަކީ ސިޔާސީ ދާއިރާއަށް ނުކުތުމުގެ ކުރިން ރިސޯޓު ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ސިޔާސީ ދާއިރާގައި ދެ އަހަރު މަސައްކަތް ކޮށްފައިވާއިރު، އެންމެ ފަހުން ފެންފުށީ ކައުންސިލްގެ ރައީސްގެ މަގާމަށް އައިސްފައިވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައެވެ.